ޚަބަރު

ހުރިހާ ކުދިން ޝާމިލްކުރުމުގެ ސިޔާސަތު ހިންގަން ވަކި ޑިވިޜަނެއް އުފައްދަނީ


އިންކުލޫސިވް އެޑިއުކޭޝަން ނުވަތަ ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު މިހާރަށްވުރެ ފުރިހަމައަށް ހިންގުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ވަކި ޚާއްޞަ ޑިވިޜަނެއް އުފައްދަން ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ޚިޠާބުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ދެވޭ ތަޢުލީމް ނުވަތަ އިންކުލޫސިވް އެޑިއުކޭޝަން މިހާރަށް ވުރެ ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށެވެ.

އެގޮތުން މި ނިޒާމް މިހާރަށްވުރެ ފުރިހަމަކުރުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓްރީގައި ވަކި ޑިވިޜަނެއް އުފައްދަވައި މި ނިޒާމް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ އަލަށް ތަންފީޒުކުރާ ސަރުކާރުގެ ތަޢުލީމީ ނިޒާމްގެ އިތުރު ސިޔާސަތެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ތަޢުލީމީ ހިންގުން، ލާމަރުކަޒީކޮށް ސަކޫލްތައް ހިންގުން އެސްކޫލްތަކަށް ބަދަލުކުރައްވާނެކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެ، ސީދާ ކަމާގުޅޭ މީހުންނާ ހިސާބަށް ބާރުތައްގޮސް ތަޢުލީމީ ދާއިރާއަށް އަވަސް، އެދެވޭ ނަތީޖާއެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމުގެ ތެރޭގައި، ބޮޑެތި މީހުންގެ ނުރަސްމީ ތަޢުލީމުގެ ކަންކަން ކައުންސިލްތަކަށް ބަދަލުކުރައްވާނެކަމަށާ ނުރަސްމީ ތަޢުލީމު ރަށު ފެންވަރަށް ބަދަލުކޮށް އެކަމަށްދެވޭ ސަމާލުކަން އިތުރުކުރައްވާނެކަމަށްވެސް އެޑިއުކެޝަން މިނިސްޓަރު ވިދާޅުވިއެވެ.

"
"ލާމަރުކަޒީ ކުރުމަކީ، ކަންކަން ނިންމުމުގެ ބާރާއި ޒިންމާތަކާއި މަސައްކަތްތައް، ތަނެއްގެ މަތީ ލެވެލްތަކުން، ތިރީ ލެވެލްތަކަށް ބަދަލުކުރުން. ބާރުތައް އެކެއްގެ އަތްމައްޗަށް ނުދީ، ފަތުރާލުމުން، ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެ. ތަންފީޒީ ފެންވަރުގައި ތިބޭ މީހުން ކަންކަން ނިންމުމަށް ބާރުވެރިކުރުމުން، ޖެހޭ މައްސަލަތައް އަވަހަށް، އެދެވޭ ގޮތަކަށް ޙައްލުކުރެވޭނެ. ތަޢުލީމީ ދާއިރާގެ ހިންގުން އެފިޝަންޓް ވާނެ. އެފިޝަންޓްވުމަކީ، އަވަހަށް އެދެވޭ ނަތީޖާ ނެރެވުން."
ޑރ.ޢާއިޝަތު ޢަލީ

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ވަނީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމް 10 ވަރަކަށް އަހަރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ރާއްޖެ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ޞިއްޙަތު ރަނގަޅު ހަރުދަނާ ދަރިންތަކެއް އުފެދިގެންދާނެކަމަށެވެ. މިފަދަ ޕްރޮގްރާމަކީ ދުނިޔޭގައި ކުރިއަރަމުންދާ ޤައުމުތަކުގައި ކުރިއަށް ގެންދާ ކާމިޔާބު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިކަން ފެށިގެންއައީ ސްކޫލްތަކުގެ މައްސަލަތައް ދިރާސާކުރިއިރު މިއީ ކުރަން ކޮންމެހެންވެސް މުހިއްމުކަމެއްކަން ފާހަގަވުމުންކަމަށެވެ.

"ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ދިހަވަރަކަށް އަހަރު ކާމިޔާބުކޮށް ކުރިއަށް ގޮސްފިނަމަ، އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭނީ، ސްކޫލް ކުދިންގެ ހިތްއަލިވެ، މުރާލިވެ، ރޫފަޖެހި، އިސްކޮޅުން ދިގުވެ، ދިވެހިރާއްޖެ އައު އުސްމިނަކަށް އުފުއްލާލާނޭ މުލައްދަނޑީގައި ބާރު ހުރި، ބުންވަރުގައި ޖޯރުހުރި، ފަހުލަވާނުންތަކަކަށް އެކުދީން ވާނެކަން. ނާސްތާގެ އިތުރުން، ދަރިވަރުން ދޮޅަހި ޞިއްޙަތެއްގައި، ހަށިލުއި ގޮތެއްގައި، ބޮޑެތިކުރުމަށް އިތުރު ބާރެއް ސަރުކާރުން ލާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެފަރާތުން ރާއްޖޭގެ ދިވެހި ދަރިވަރުންނަށް ތައުލީމު ދެމުން ގެންދާތާ މިހާރު 100 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު ވޭތުވެދިޔަ ޤަރުނަކީ އެކި ގޮތްގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީވެ ކުރިއަރައިދިޔަ ދުވަސްވަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.