ޚަބަރު

ރ.އަތޮޅާއި ނ.އަތޮޅާއި ދެމެދު ފެރީގެ ޚިދުމަތް ފަށައިފި


މާޅޮސްމަޑުލު އުތުރުބުރިއާއި މިލަދުން މަޑުލު ދެކުނު ބުރީގެ ބައެއް ރަށްރަށާ ދެމެދު ފެރީގެ ޚިދުމަތް ފަށައިފިއެވެ.ނުވަދިހަ މީހުންގެ ޖާގައިގެ އުޅަނދެއްގައި ފެށި ފެރީގެ ޚިދުމަތް ހަފްތާއަކު ދެ ދުވަހު ބާއްވާގޮތައް ހަމަޖައްސާފައިވާކަމަށް، މި ފެރީ ހިންގާ ފަރާތުން މައުލޫމާތުދެއެވެ.ރ. އަތޮޅުގެ ރަށްރަށުގެ މެދުގައި ފެރީގެ ޚިދުމަތް ދެމުންދާ ފަރާތުން ފެށި މި ފެރީ، ނ. އަތޮޅުގެ ވެލިދުއާ ހޮޅުދޫއާ ފޮއްދޫން ރ. އުނގޫފާރަށް އޮންނާނީ ހޮނިހިރު ދުވަހާ އަންގާރަ ދުވަހު ކަމަށް މައުލޫމާތުދެއެވެ.ދެގަޑި ސާޅީސް ފަސްވަރަކަށް މިނެޓްގެ ދަތުރަށް ކޮޅަކަށް ނަގަނީ ފަންސާސް ރުފިޔާގެ ފީއެއް ކަމަށް ފެރީކުރާ ފަރާތުން މައުލޫމާތުދެއެވެ. އަދި ނ. އަތޮޅުގެ ތިންރަށުގެ މެދުގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ހޭދަކުރަންޖެހޭނީ ކޮޅަކަށް ވިހިރުފިޔާކަމަށްވެސް ފެރީގެ ޚިދުމަތްދޭ ފަރާތުން ހާމަކުރެއެވެ.ފެރީގައި ޖާގަ އޮތްވަރަކުން އެއްރަށުން އަނެއް ރަށަށް ތަކެތި ގެންދިޔުމުގެ ފުރުސަތުވެސް ފެރީގައި އޮވެއެވެ.ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ރ.އަތޮޅުގެ ރަށްރަށުން އުނގޫފާރަށް ފެރީ އޮންނައިރު ހަތްފާއަކު ތިން ދުވަހު މާލެއިން ރ. އަތޮޅަށް ސްޕީޑް ލޯންޗް ފެރީ ދަނީ ބާއްވަމުންނެވެ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށުން އުނގޫފާރަށް ސްޕީޑް ލޯންޗް ފެރީ ހޮނިހިރު ދުވަހު ބާއްވާއިރު، ނ. ހޮޅުދޫން ކޮންމެ ހޮނިހިރަކު ހިލޭ އުނގޫފާރަށް ދެވޭ ފެރީއެއްވެސް ދަނީ ބާއްވަމުންނެވެ.އުނގޫފާރަށް ގިނަ އަދަދެއްގެ ފެރީ ދަތުރުކުރުމުގެ އެއް ސަބަބަކީ ސަރަހައްދީ ފެންވަރުގައި ހިދުމަތްދޭ ހޮސްޕިޓަލަށް ޒިޔާރާތްކުރާ ފަރާތްތައް ކަމަށާއި، އެހެންކަމުން އެތަނުގެ ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތްކުރަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން އަހަރަކު ތިރީސް ފަސްހާހަށްވުރެ ގިނަ ބަޔަކު ހިދުމަތް ހޯދާކަމަށް ދައްކާއިރު، އިތުރު ފެރީތަކާއެކު ހިދުމަތް ހޯދާ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ލަފާކުރެއެވެ.