ޚަބަރު

ދިރާސީ އައު އަހަރު 144 ސްކޫލެއްގައި ކިޔަވައިދޭނީ އެއްދަންފަޅިއަށް


ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ސަރުކާރުގެ 144 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވއިދޭންފަށައިފިއެވެ. ސުކޫލްތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރެ ފުރަތަމަ 100 ދުވަހު ކުރެއްވުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ސްކޫލްތަކުގައި ހަމައެކަނި ހެނދުނު ކިޔަވައިދެމުން އަންނައިރު، މިދިރާސީ އާއަހަރު އިތުރު ސްކޫލްތަކަކާއެކު، ސަރުކާރުގެ ޖުމްލަ 144 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

މިގޮތުން މާލެ ސިޓީގެ ދެ ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އެއީ ވިލިމާލޭގައި ހުންނަ މުޙިއްޔިއްދީން ސްކޫލާއި ރާއްޖޭގައި އިމާރާތް ކުރި އެންމެ ބޮޑު ސްކޫލް ހުރަވީ ސްކޫލްގައެވެ.

އަތޮޅުތަކުގެ ސްކޫލްތަކަށް ބަލާލާއިރު އައްޑޫ ސިޓީގެ 6 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާފައިވާއިރު ފުވައްމުލައް ސިޓީގައި ހުންނަ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ވަނީ އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާފައެވެ.

މީގެ އިތުރުން ގދ. އަތޮޅުގެ 7 ސްކޫލެއްގައި މިއަހަރު އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާފައިވާއިރު ގއ.އަތޮޅުގައިވެސް 7 ސްކޫލެއްގައިވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާފައެވެ. އަދި ލ.އަތޮޅާއި މ.އަތޮޅާއި އދ.އަތޮޅުގެ 7 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ތ.އަތޮޅާއި ބ.އަތޮޅާއި ހދ.އަތޮޅުގެ 10 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރ.އަތޮޅުގެ 13 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު ހއ.އަތޮޅުގެ 12 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ނ.އަތޮޅުގެ 11 ސްކޫލެއްގައި މިއަހަރު އެއް ދަންފަޅިއަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

އަދި ފ، އއ، އަދި ކ، އަތޮޅުގެ 5 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭއިރު ށ.އަތޮޅުގައި އެއް ދަންފަޅިއަށް ކިޔަވައިދޭނީ 8 ސްކޫލެއްގައެވެ. މީގެ އިތުރުން ޅ.އަތޮޅާއި ވ.އަތޮޅުގެ 3 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭއިރު ދ.އަތޮޅުގައި އެއްދަންފަޅިއަށް ކިޔަވައިދޭނީ 4 ސްކޫލެއްގައެވެ.

މިދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ސަރުކާރުގެ 144 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވއިދޭންފަށާފައިވާއިރު، ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން 69 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ސަރވޭއެއް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކުގެތެރޭގައި ހިމަނުއްވާފައިވާ މަސައްކަތެކެވެ. މި މަސައްކަތްވެސް މިހާރު ފަށައިގެން ކުރިއަށްދާއިރު މި މަސައްކަތުގެ ދަށުން ސްކޫލްތަކުގެ އޮޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެއެވެ.

މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާއިރު ސްކޫލްތަކުގެ އޮޑިޓް ނިމުމުން، އެއްދަންފަޅިއަށް ބަދަލުނުކުރެވޭ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، އެސްކޫލްތަކުގައިވެސް އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.