ޚަބަރު

ރިޟުވާނަށް ވީގޮތެއް ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް - ޙުސްނުއްސުޢޫދު


ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނަށް ވީގޮތެއް ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނު ސުޢޫދު ވިދާޅުވެއްޖެއެވެ.

ރިޟްވާން ހޯދައިދިނުމަށް އެދި މާލޭގައި ކުރިން ކުރި މުޒާހަރާއެއްގެ ފޮޓޯތަކާއެކު ސުޢޫދުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޟްވާން ގެއްލިގެން އެކަމުގެ ހަޤީޤަތް ހޯދުމަށް 19 އޮގަސްޓް 2014 ވަނަ އަހަރު ކުރި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

ސުޢޫދު އެއިޝާރާތްކުރެއްވި 19 އޮގަސްޓް 2014 ވަނަ ދުވަހަކީ ރިޟްވާންއށް ވީގޮތެއް ހޯދައިދިނުމަށް އެދި ކުރީގެ ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވިދުވަހެވެ. އެދުވަހުގެ މުޒާހަރާގައި ހުސްނުއްސުޢޫދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ރިލުވާން ގެއްލުނީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ.

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވެފައިވަނީ، ރަޙުމް ކުޑަގޮތަކަށް މަރާލާފައިވާ ޑރ.އަފްރާޝީމް ޢަލީ އާއި އަޙްމަދު ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައް ހިނގާފައިވާ ގޮތް އަންދާޒާކުރެވޭ ވަރަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. ސުއޫދު ވިދާޅުވީ، އެމީހުންނާ ގުޅޭ ވަރަށް ގިނަ މަޢުލޫމާތު މިހާރު އެއްކުރެވިފައިވާކަމަށާއި، މިހާތަނަށް ލިބުނު މަޢުލޫމާތުތަކާއި ބެލި ބެލުމުން ޑރ.އަފްރާޝީމް ޢަލީއާއި އަހްމަދު ރިޟުވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކުގައި އެއްމައްސަލަ އަނެއް މައްސަލައާ ގުޅިފައިވާކަމަށް ބެލެވޭކަމަށެވެ.

މ.ޝައިނިންގ ސްޓަރ އުމުރުން (28އ) އަޙުމަދު ރިޟްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަަމށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.