ޚަބަރު

ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ


  • އޭނާ ފެނިފައިވަނީ ގަމު ކައިރިން

  • އޭނާ ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި

ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ތިން ދުވަސް ފަހުން ފެނިއްޖެއެވެ.

ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވަނީ ގދ.ގައްދޫ ކައިރީ އޮންނަ ގަމުގެ ހޭޅިފަށުގެ މޫދުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމުގެ އިތުުރު ތަފްސީލް އެއްވެސް އިދާރާއަކުން އަދި ހާމަނުކުރައްވައެވެ. ފުލުހުން ވަނީ ގެއްލިގެން ހޯދަމުން ދިޔަ 79 އަހަރު ޒަކަރިއްޔާ މުޙައްމަދު ފެނިފައިވާކަން ޔަޤީންކޮށްދެއްވާފައެވެ.

ގދ.ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތުގެ ދަށުން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށްވަނީ ބަލާފައެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން، އޭނާ ދަތުރުކުރި ޑިންގީ ގައްދޫއާއި ގަމާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިން ވަނީ ފެނިފައެވެ. އޭނާ ހޯދުމުގެ މަސައްކަތުގެ ދަށުން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށްވަނީ ބަލާފައެވެ.

ގދ.ގައްދޫން ގދ.ގަމަށް ދަތުރުކުރި ޢުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ފުލުހުން ވިދާޅުވީ އެމީހާ އެންމެފަހުން ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށެވެ.