ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ ފާހަގަކޮށްލެވޭ ޓްރެވަލް އެޖެންސީތައް ހޮވަނީ!


މިއަހަރުގެ ޓީޓީއެމް ފެއަރގެ ގާލާ ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ ފާހަގަކޮށްލެވޭ ޓްރެވަލް އެޖެންސީތައް ހޮވާ ޙާއްސަ އެވޯޑެއް އެފަރާތްތަށް ދިނުމަށް ނިންމައިފިއެވެ.
އެގޮތުން މި އެވޯޑަށް ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޓްރެވަލް އެޖެންސީތައް ވާދަކުރާނެ ކަމަށް ޓީޓީއެމް ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓްރެވަލް ޓްރޭޑް ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، (ޓީޓީއެމް) ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 20-22 އަށެވެ.
ޓީޓީއެމްގެ ގާލާ ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރާ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ފާހަގަކޮށް ' ޓޮޕް 20 ޕްރޮޑިއުސަރސް ޓު ދަ މޯލްޑިވިއަން ޓޫރިޒަމް އިންޑަސްޓްރީ' ދޭން ނިންމާފައިވާ އިރު، މި އެވޯޑް ދިނުމުގައި ބަލާނީ ރިސޯޓުތަކުން ފޮނުވާ ނަންތަކަށް ކަމަށް ކޯރޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓަކަށް 10 ފަރާތެއް ނޮމިނޭޓްކުރެވޭނެ ކަމަށާއި، ރިސޯޓުތަކުން ނޮމިނޭޓް ކުރާ ފަރާތްތަކުން 20 ފަރާތެއް ހޮވާ އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ.
ޓީޓީއެމް ފެއަރގައި 4 އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ހޮޓެލިއަރ ސަމިޓަކާއި، ވިޔަފާރި ބައްދަލުވުންތަކަކާއި، ސަޕްލަޔަރ އެކްސްޕޯއެއްގެ އިތުރުން ގާލާ ނައިޓެކެވެ.
ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ބައިވެރިވެފައިވެއެވެ. ވިޔަފާރި ބައްދަލުވުންތައް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ކުރިއަށްދިޔައިރު މި ބައްދަލުވުންތަކުގައި 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރާއްޖޭގެ މަޝްހޫރު ހޮޓާތަކާއި ރިސޯޓްތައް ހިމެނެއެވެ. މިއީ ޓީޓީއެމް ފެއާ ބާއްވާ ތިންވަނަ އަހަރެވެ.