ކުޅިވަރު

ލިވަޕޫލްގެ ދެ މެޗަށް މުލާ ސަސްޕެންޑްކޮށްފި


ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭ ދެ މެޗަށް ބަޔާން މިއުނިކްގެ ތޯމަސް މުލާ ޔޫއޭފާއިން ސަސްޕެންޑްކޮށްފި އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން މުލާ ސަސްޕެންޑްކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މައްސަލާގަ އެވެ.

އުމުރުން 29 އަހަރުގެ މުލާ އަކީ ބަޔާންގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ހާއްސަކޮށް އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 107 މެޗު ކުޅެ 42 ގޯލު ޖަހާދީފަ އެވެ.

އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކުޅޭ ދެ މެޗުގައި އޭނާ އަށް ނުކުޅެވުމަކީ ބަޔާން އަށް ވަރަށް ބޮޑު މައްސަލައަކަށްވާނެ އެވެ. ހާއްސަކޮށް ލިވަޕޫލް މިފަހަކަށް އައިސް ދައްކާ މޮޅު ކުޅުމަކީ ގިނަ ޓީމުތަކުން ޖެހިލުންވާ ކުޅުމެކެވެ.