ޚަބަރު

އެމެރިކާއިން ރާއްޖެ އެެތެރެކޮށްފައި ހުރި އާފަލުތަކެއް ނައްތާލަނީ


ލިސްޓީރިއޯސިސް ޖަރާސީމުގެ އެއްވެސް އަސަރެއް ރާއްޖެއަށް އެތެރެކޮށްފައިވާ އާފަލުތަކުން ފެނިފައި ނުވިނަމަވެސް އެމެރިކާއިން ރާއްޖެއަށް އެެތެރެކޮށްފައި ހުރި އާފަލުތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ.އެއޮތޯރިޓީން ބުނީ ކުރިޔަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އާފަލުތައް ނައްތާލާނެ ކަމަށާއި، ރައްކާތެރި ގޮތެއްގައި އާފަލްތައް ނައްތާލުމަށްޓަކާ މިހާރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.ފުޑް ކޮންޓްރޯލް ޑިވިޝަންގެ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު ވިދާޅުވީ އެމެރިކާގެ " ބިޓާޑް ބްރޯސް އޮފް ބޭކާސް ފީލްޑް"ން އެކްސްޕޯޓް ކުރާ "ގްރެނީ ސްމިތު" އާއި "ގާލާ" މި ދެބާވަތުގެ އާފަލުން ފެނިފައިވާ ލިސްޓީރިއޯސިސް ޖަރާސީމުގެ އެއްވެސް އަސަރެއް އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެމެރިކާއިން އެތެރެކޮށްފައިވާ މި ދެ ބްރޭންޑްގެ ތެެރެއިން ގްރޭނީ ސުމިތުގެ އާފަލްތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.ސާޖިދާ ވިދާޅުވީ ނައްތާލަން ހަމަޖެހިފައިވަނީ އެމެރިކާއިން އެތެރެކޮށްފައިވާ އާފަލްތަކެއް ކަމަށާއި އެހެންނަމަވެސް އެއީ ކޮން ކުންފުންޏަކުން އެތެރެކޮށްފައިވާ ގްރޭނީ ސުމިތުގެ އާފަލްތަކެއް ކަމެއް ނޭގެ ކަމަށެވެ.ސާޖިދާ ވިދާޅުވީ ނައްތާލުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެތެރެކޮށްފައިވާ އާފަލުތައް ކަމަށާއި 150 ކާޓަންގެ ގްރޭނީ ސްމިތް އާފަލް ނައްތާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.ސާޖިދާ ވިދާޅުވީ މިހާތަނަށް މިޖަރާސީމް އެކުލެވޭ އާފަލްތަކެއް ފެނިފައި ނުވިނަމަވެސް އެތެރެ ކުރާ ހުރިހާ އާފަލްތަކުގެ ބެޗްތައް ޓެސްޓްކުރަމުންދާ ކަމަށެވެ.ހެލްތު މިނިސްްޓްރީން ބުނީ ރާއްޖެއިން މިހާތަނަށް އެ ޖަރާސީމުގެ އަސަރެއް ފެނިފައި ނުވި ނަމަވެސް އެ ބާވަތުގެ އާފަލު ހުރުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށާ، އިތުރަށް އެ ބާވަތުގެ އާފަލު ރާއްޖެއަށް އެތެރެ ނުވާނެކަމަށެވެ.