ޚަބަރު

ރައީސްގެ މިލްކިއްޔާތުގައި 1.5 މިލިއަން، ނާއިބު ރައީސްގެ 1.7 މިލިއަން ރުފިޔާ


ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެލެއްވުމުގެ ހަމަސް ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ މިލްކިއްޔާތުގައި 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފިއެވެ.

ރައީސުުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ޢާއްމު ކުރި ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ދައްކާ ގޮތުން ރައީސް ޞާލިޙުގެ މިލްކިއްޔާތުގައި މީގެ ހަމަސް ދުވަސްކުރިން 1،532،680.00 (އެއް މިލިއަން ފަސްލައްކަ ބައްތިރީސް ހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) ހުއްޓެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި މުދަލަކީ ޅ. ހިންނަވަރުގައި ހުރި ނޫރާނީ ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗެއް އެކަންޏެވެ. އެ ގެއަކީ އެމަނިކުފާނު ރަށްވެހިވެ ވަޑައިގެންފައިވާ ގެކޮޅުވެސްމެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމަށް މުސާރައާއި އެހެނިހެން ގޮތްގޮތުން (އެއް މިލިއަން ހަތްލައްކަ ދިހަހާސް ރުފިޔާ) ލިބިވިޑައިގެންފައިވާއިރު ޏ. ފުވައްމުލަކުގައި ހުރި މިލޭނިއަމް ނަމަކަށް ކިޔާ ގޭގެ އަގަށް އެކަނިވެސް 10 މިލިއަން ފަސްލައްކަ ރުފިޔާ އަރާ. އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުޅުމާލޭ ވަން އެވެނިއުގެ 6،200،000ރ. ގެ ދެ އެޕާޓްމަންޓާއި، 500،000ރ. ގެ ދެ ކާރު އަދި 270،000ރ. ގެ އަގު ހުރި ހަ ސައިކަލު އެބަހުއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެމްބަރ އަދި ފޮރިންގ މިނިސްޓަރ ޢަބްދުﷲ އާމްދަނީގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 354،000ރ. އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންފައިވާ 120،000ރ. ގެ އިތުރުން ވިޔަފާރީގެ ފައިދާއިން ލިބިވަޑައިގެންފައިވާ 2.3 މިލިއަން ރުފިޔާ އެވެ. ޝާހިދުގެ އެއްވެސް ދަރަންޏެއް ނެތެވެ. އޭނާގެ މިލްކިއްޔާތުގައި ހ. ރަބީއީމަންޒިލާއި އިނގިރޭސި ވިލާތުން ބައްލަވައިގެންފައިވާ ގޯއްޗެއްގެ އިތުރުން ކާރެއް އެބައޮތެވެ.

މައްޗަންގޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އާމްދަނީ އަކީ މުސާރައާ ކުލީގެ ގޮތުގައި 844،710 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިލްކިއްޔާތުގައި ގ. އޮޔެނާށި ނަމަކަށް ކިޔާ ގެއަކާއި އެގޯތީގައިވާ އިމާރާތްތަކާއި ލ. ގަމުގައި ހުންނަ ވިޝް ނަމަކަށް ކިޔާ ގެއަކާއި އެގޯތީގައިވާ އިމާރާތްތައް ހިމެނެއެވެ. އަދި ދޮންހިޔަލަ ނަމަކަށް ކިޔާ ކުންފުންޏެއްގެ 57 ޕަސެންޓު ޙިއްސާއާ ގ. އޮޔެނާށި އިމާރާތުގައި ކުއްޔަށް ދިނުމުގެ ބޭނުމުގައި ހަދާފައިވާ އެއް ފިހާރައާ ތިން އެޕާޓުމަންޓް އެކަމަނާގެ މިލްކިއްޔާތުގައި އެބަހުއްޓެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އާމްދަނީ އަކީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 188،892ރ. މިލްކިއްޔާތުގައި 55،000ރ. ގެ ސައިކަލެއް ހުރިއިރު ދަރަނީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ނަންގަވާފައިވާ ލޯނަކަށް ދައްކަން ޖެހޭ 84،065ރ. އެބަހުއްޓެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްގެ އާމްދަނީ އަކީ ވިޔަފާރީގެ ފައިދާ އިން ލިބިވަޑައިގެންފައިވާ 3.1 މިލިއަން ރުފިޔާ އެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ. ދަރަންޏަށް ބަލާއިރު އެޗްޑީއެފްސީން ދެވަނަ ފަރާތެއްގެ ގޮތުން ސޮއިކުރައްވައި ނަންގަވާފައިވާ ތިން ލޯނަކަށް 3.7 މިލިއަން ރުފިޔާ ދައްކަވަން ޖެހެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އާމްދަނީގެ ގޮތުގައި ހުރީ ގޭގެ ކުލީގެ ގޮތުގައި ލިބިވަޑައިގެންފައިވާ 390،000ރ. އާއި ކޮންސަލްޓެންސީ ފީގެ ގޮތުގައި 2،331 ޑޮލަރެވެ. އަދި ދިރާގުގެ ހިއްސާގެ ފައިދާ އިން 298ރ. އާއި ބީއެމްއެލްގެ ހިއްސާގެ ފައިދާ އިން 550ރ. ގެ އިތުރުން އެސްޓީއޯގެ ހިއްސާ އިން 550ރ. އާމްދަނީގެ ގޮތުގައި އެބަހުއްޓެވެ. އިބްރާހިމް ހަސަންގެ މިލްކިއްޔާތުގައި މ. އިހަލި ނަމަކަށް ކިޔާ ގޯއްޗަކާއި 56،008ރ. ގެ ސައިކަލެއް ހުރި ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އޭނާ އެއްވެސް ދަރަންޏެއް ނެތެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލުގެ މާލީ ބަޔާނުގައި ވާ ގޮތުން، އިސްލާމިކް ބެންކުން އޭނާ ނަންގަވާފައިވާ ލޯނަކަށް ދައްކަން ޖެހިވަޑައިގަންނަވާ 5.7 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތެވެ. އާމްދަނީގެ ގޮތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 720،000ރ. އެވެ. މަލީހްގެ މިލްކިއްޔާތުގައި ދެ ކުންފުނި ހިމެނޭއިރު، އޭގެ ތެރެއިން ހަތާ ބީޗް މޯލްޑިވްސްގެ އަގު ތިން މިލިއަން ރުފިޔާ އަށް އަރަ އެވެ. ކާފް މާޓްގެ ނަމުގައި ހިންގާ ފިހާރައިގެ އަގަކީ އަށް ލައްކަ ރުފިޔާ އެވެ. އެމްޓީޑީސީން ގަނެފައިވާ 16،500ރ. ގެ ހިއްސާ ވެސް މަލީހްގެ މާލިއްޔަތުގެ ގޮތުގައި ހިމެނެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް މުސާރައިގެ ގޮތުގައި 390،000 ރުފިޔާ ލިބިފައިވެއެވެ. ލޯންގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ނަންގަވާފައިވާ ހައުސިން ފެސިލިޓީ އަށް 5.6 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އެމަނިކުފާނު ދައްކަވަން ޖެހިވަޑައިގަންނަވައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީގެ އާމްދަނީ އަކީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 126،000ރ. އެވެ. މިލްކިއްޔާތުގައި މުދަލެއް ނެތްއިރު ދައްކަން ޖެހޭ ދަރަންޏެއްވެސް ނެތެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތުގެ ނަހުލާގެ އާމްދަނީ އަކީ އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންފައިވާ 2،443ރ. އެކަންޏެވެ. ދައްކަވަން ޖެހިވަޑައިގަންނަވާ ދަރަންޏެއް ނެތެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ފިހާރައެއްގެ ކުލީގެ ގޮތުގައި 210،000ރ. ގެ އާމްދަނީއެއް ލިބިވަޑައިގަންނަވައެވެ. މިލްކިއްޔާތުގައި ޗާންދަނީ މަގުގައި ހުންނަ ފިހާރައަކާއި ޑަބަލް ސްޕޭސް ޕްރައިވެޓް ލިމިޓެޑާއި ލިބާސް ޕްރައިވެޓް ލިމިޓެދް ހިމެނެއެވެ. ދަރަނީގެ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ ފިހާރައާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްގެ ދަށުން ދައްކަވަން ޖެހޭ 533،544ރ. ހިމެނެ އެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ ފައިސާ ދެއްކުން އޮތީ މަޑުޖައްސާލައިފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އާމްދަނީ އަށް ބަލާއިރު ކުލީގެ ގޮތުގައި 150،000ރ. ލިބިވަޑައިގެންފައިވެ އެވެ. މިލްކިއްޔާތަކަށް ހުރީ ހުޅުމާލެ އިން ބައްލަވައިގެންފައިވާ "ލޮޓް 11052" ނަމުގެ ގެ އެވެ. އެ ތަނުގެ އަގު 5،400،000ރ. އަށް އަރަ އެވެ. އަލީ ވަހީދުގެ އެއްވެސް ދަރަންޏެއް ނެތެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މުސާރައިގެ ގޮތުގައި 457،150ރ. ލިބިވަޑައިގެންފައިވާ ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އަދި ކޮންސަލްޓެންސީ ފީ ގެ ގޮތުގައި 396،508ރ. ގެ އާމްދަނީއެއް ލިބިވަޑައިގެންފައި ވެ އެވެ. ފައްޔާޒް ދައްކަވަން ޖެހޭ ލޯނުގެ ގޮތުގައި އިސްލާމިކް ބެންކުން ނަގާފައިވާ 55،655ރ. ގެ ދަރަންޏެއް އެބައޮތެވެ. އެމަނިކުފާނުގެ ހިއްސާ އޮންނަ ހަ ކުންފުންޏެއް ހިންގި ނަމަވެސް އެ ތަންތަނުގެ އަގު މާލީ ބަޔާނަކު ފެންނާކަށް ނެތެވެ.

މިނިސްޓަރ އޮފް ފިޝަރީޒް ، މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރ ޒަޙާ ވަހީދަށް މުސާރައިގެ ގޮތުގައި 240،000 ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ޒަހާގައި ނެތްއިރު އެކަމަނާގެ އެއްވެސް ދަރަންޏެއް ނެތެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ 190،080ރ. އެވެ. މިލްކިއްޔާތުގައި ހުޅުމާލޭގައި ފްލެޓެއް ހުރިއިރު އެ ތަނުގެ އަގު 431،077ރ. އަށް އަރަ އެވެ. ދަރަނީގެ ގޮތުގައި، ބީއެމްއެލް އިން ނަގާފައިވާ 356،565ރ. ގެ ލޯނެއް އެބައޮތެވެ.

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަށް ލިވިން އެލަވަންސްގެ ގޮތުގައި 90،000ރ. ލިބިވަޑައިގެންނެވި އެވެ. މިލްކިއްޔާތުގައި މުދަލެއް އަދި ދައްކަން ޖެހޭ ދަރަންޏެއް ވެސް އާތިފާގެ ނެތެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މާލީ ބަޔާނަށް ބަލާއިރު، އޭނާ އަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 422،923ރ. އެވެ. އެކަމަކު، އިތުރު އާމްދަނީގެ ގޮތުގައި 75،000ރ. ލިބިވަޑައިގެންނެވި އެވެ. މިލްކިއްޔާތުގައި ހުރީ 85،000ރ. ގެ ސައިކަލެކެވެ. މަހްލޫފުގެ އެއްވެސް ދަރަންޏެއް ނެތެވެ.

ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފަށް މުސާރައިގެ ގޮތުގައި 114،000ރ. ލިބިވަޑައިގެންފައިވެ އެވެ. އޭނާގެ މިލްކިއްޔާތުގައި މުދަލެއް އަދި ދަރަންޏެއް ވެސް ނެތެވެ.

އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް މުސާރައިގެ ގޮތުގައި 60،000ރ. ލިބިވަޑައިގެންފައިވާއިރު މިލްކިއްޔާތުގެ ގޮތުގައި ދެ ސައިކަލް ހުރި ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އޭގެ ތެރެއިން އެއް ސައިކަލްގެ އަގު 10،000ރ. އަށް އަރާއިރު 25،000ރ. އަށް އަރާ އިތުރު ސައިކަލެއް ވެސް އެބަހުއްޓެވެ. ލޯނަށް ބަލާއިރު ބީއެމްއެލް ކްރެޑިޓް ކާޑަށް 2،664 ޑޮލަރު ޑރ. ހުސައިން ދައްކަވަން ޖެހެ އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތަށް މުސާރައިގެ ގޮތުގައި 339،787ރ. ލިބިވަޑައިގެންގައިވާއިރު، ދިރާގުގެ ހިއްސާގެ ފައިދާގެ ގޮތުގައި 2،952ރ. ލިބިވަޑައިގެންނެވި ކަމަށް މާލީ ބަޔާނުގައި ވެ އެވެ. އަދި އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންފައިވާ 5،000ރ. ވެސް ހިމެނެ އެވެ. ރިފްއަތުގެ މިލްކިއްޔާތަށް ބަލާއިރު 35،000ރ. ގެ ސައިކަލަކާއި 51،650ރ. ގެ ސައިކަލެއް އެބަހުއްޓެވެ. އަދި އެމްޓީޑީސީގެ 11،000ގެ ހިއްސާ އަކާއި ދިރާގުގެ 250 ހިއްސާގެ އިތުރުން އެސްޓީއޯގެ 100 ހިއްސާ އާއި ބީއެމްއެލްގެ 70 ހިއްސާ މިލްކިއްޔާތުގައި އެބަ ހުއްޓެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މިލްކިއްޔާތުގައި ހުރި، ހުޅުމާލޭގެ އަމީން އެވެނިއުގެ އެޕާޓްމަންޓުގެ އަގު 2،500،000ރ. އަށް އަރަ އެވެ. އޭނާގެ ސައިކަލްގެ އަގަކީ 50،000ރ. އެވެ.

މިއީ ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރި ފުރަތަމަ ފަހަރެވެ. މި ބަޔާންތައް އަހަރަކު އެއްފަހަރު ހާމަ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު މާލީ ބަޔާންތައް ރޭ ހާމަ ކުރެއްވުމާއިއެކު ބައެއް ފަރާތްތަކުން އަންނަނީ މާލީ ބަޔާންތަކަށް ފާޑުކިޔަމުންނެވެ. އެއްބަޔަކު ސަރުކާރުން މިފަދަ ކަމެއް ކުރުމުން ސަރުކާރަށް ތަޢުރީފުވެސް އަންނަނީ ކުރަމުންނެވެ.