ޚަބަރު

މާލީ ބަޔާންތައް އާންމުކުރުމަކީ ހެޔޮފާލެއް، ބަޔާންތައް އިތުރަށް ފުރިހަމަވާންޖެހޭ - ޓްރާންސްޕޭރަންސީ


ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ފުރަތަމަ ފަހަރަށް އާންމުކުރުމަކީ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށާއި، ނަމަވެސް މާލީ ބަޔާންތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް އެބަހުރިކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ފަށާފައިވާއިރު، އެކަމާއި ގުޅިގެން އެކިފަރާތްތަކުންނާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެކިފަރާތްތަކުންދަނީ ޝުއޫރުފާޅުކުރަމުންނެވެ.

ކޮރަޕްޝަނަށް މީހުން ޙޭލުންތެރިކޮށް ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާ އަދި މާލީ ބަޔާން އާންމުކުރުމަށް ގޮވާލަމުން އަންނަ އަމިއްލަ ޖަމިއްޔާއެއްކަމުގައިވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވެސް ވަނީ ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާންތައް ފުރަތަމަ ފަހަރަށް އާންމުކުރަންފެށުމާއިގުޅިގެން އެކަން ފާހަގަކޮށް އެއީ ހެޔޮފާލެއް ކަމަށް ވިދާޅުވެފައެވެ. އަދި އެޖަމިއްޔާއިން ބުނީ މިހާރު އާންމުކުރަމުންދާ މާލީ ބަޔާންތަކުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ.

މިކަމާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު މިއަދު ވިދާޅުވީ، މިފަދަ ކަންކަމަކީ މީގެކުރިންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އެއްވެސް އަހަރަކު ސަރުކާރުގެ އިސް ފަރާތްތަކުގެ މާލީ ބަޔާން ހާމަ ކުރައްވާފައި ނުވާކަން ފާހަގަކުރައްވަމުން އައިމަން ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުން މިކަން ފެއްޓުމަކީ ފާހަގަކުރަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

އައިމަން ވިދާޅުވީ މިފަދަ ފަރާތްތަކުގެ މާލީ ބަޔާންތައް އާންމުކުރަނީ ޤައުމުން ކޮރަޕްޝަން ހުއްޓުވުމުގެ މުހިއްމު މަޤުސަދުގައިކަމަށްވާއިރު، އެކަން އެންމެ ހަރުދަނާގޮތުގައި ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އެގޮތުން މާލީ ބަޔާންތަކުގައި ހުރީ ތެދުމައުލޫމާތުކަން ކަށަވަރުކުރެވެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ހަޤީގަތުގައި މައުލޫމާތުގެ ތެދުކަން ކަށަވަރުވާން ޖެހޭނެ. އެމައުލޫމާތުތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހާމަވުމަކީ ވަރަށް މުހިއްމުކަމެއް. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އިސް ފަރާތްތަކުން މާލީ ބަޔާން އާންމުކުރާއިރު، އެމީހެއްގެ އަނބިންނާއި ފިރިންނާއި ދަރިންގެ މައުލޫމާތުތައްވެސް ހާމަކުރޭ. ސަރުކާރުގެ އިސްވެރިންގެ އިތުރުން ސިޔާސޯ ގޮތުން އެކްސްޕޯޒްވެފައިވާ ހުރިހާ އެންމެންގެ މާލީ ބަޔާންތައް އާންމުކުރަންޖެހޭ" އައިމަން ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އާންމުކޮށްފައި މިވަނީ ކަމާއިގުޅޭ މައުލޫމާތު ހިމެނޭ ފޯމެއް ފުރައިގެން އެފޯމްގައި ސޮޔާއި އިނގިލީގެ ނިޝާން ޖަހައިގެންކަމަށެވެ. ފުރަތަމަ ފަހަރަށް ކުރިކަމަކަށް ވުމާއެކު ފޯމް އިތުރަށް ފުރިހަމަކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރައްވާނެ ކަމަށް ހޫދު ވިދާޅުވިއެވެ. އެގޮތުން ކަމާއިގުޅޭ ތަޖުރިބާކާރުންގެ ލަފަޔާއެއްގޮތަށް ފޯމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށާއި، ކޮންމެ އަހަރަކުސް މާލީ ބަޔާން އާންމުކުރާއިރު ކުރިއަށް އޮތް އަހަރުތަކުގައި ބަޔާންތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ހޫދު ވިދާޅުވިއެވެ. އަދި ޓްރާންސް ޕޭރެންސީފަދަ ޖަމިއްޔާތަކުން މިފަދަ ކަންކަމުގައި ފާހަގަކުރާ ކަންކަން "ޕޮޒެޓިވް" ކޮށް ބަލައިގަންނަކަމުގައި ހޫދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އިއްޔެ ވަނީ ހާމަކޮށްފައެެެވެ. ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.