ޚަބަރު

އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް އީ.ޔޫ އިން ވަކިވާކަށް ދުނިޔެ ނޭދޭ: ޖަޕާން


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުގައި އެ ޤައުމުގައި ހައިޖާނު އުފެދޭނެ ފަދަ ގޮތަކަށް ކަންކަން ނިމިގެން ދިއުމަށް ބައިނަލްއަޤުވާމީ ދުނިޔެ ނޭދޭކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި، އެ ޤައުމުގެ ބޮޑުވަޒީރު ތެރީސާ މޭއާ ބައްދަލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޖަޕާނުގެ ބޮޑު ވަޒީރު އާބޭ ވިދާޅުވީ، އެއްވެސް އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަކީ ގިނަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، އެއީ ޖަޕާނުން ބަލަން ބޭނުންވާ މަންޒަރެއް ނޫންކަމަށެވެ.

އާބޭ ވިދާޅުވީ، ޖަޕާނުން ބޭނުންވަނީ އިނގިރޭސިވިލާތާ ޖަޕާނާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް ކަމަށާއި، މިކަމަށްޓަކައި އިނގިރޭސިވިލާތާ ވިތާލުގެ އިއްތިހާދުގެ ދެމެދު އެއްބަސްވުމެއް އޮތުން މުހިއްމުކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރުން މިހާރު ޤާއިމުކޮށްފައިވާ އެއްބަސްވުމަށް ޖަޕާނުން ފުރިހަމައަށް ތާއީދުކުރާކަމަށެވެ. މިހާރު މި ކަމުގައި ޤާއިމުކޮށްފައިވާ އެއްބަސްވުން ތަންފީޒުކުރަން ފަށާނީ މިއެއްބަސްވުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން ރުހުން ދިނުމުންނެވެ. ރުހުން ދިނުމަށް ނަގާ ވޯޓު ތާވަލުކޮށްފައިވަނީ މި މަހުގެ ފަނަރަ ވަނަ ދުވަހަށެވެ.