ޚަބަރު

ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކާ މެދު ކަންބޮޑުވޭ- މައުމޫން


ފާއިތުވި 39 އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން 0.6 ޑިގްރީސް ސެލްސިއަސްއަށް އިތުރު ވެ، ކަނޑުގެ ލޮނުގަނޑު ފާއިތުވި ވިހި  އަހަރު ތެރޭގައި 0.6 މިލިމީޓަރަށް އުފުލިފައިވާކަން ތަފާސް ހިސާބުތަކުން ދައްކާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ތިމާވެށީ ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ދިއްލީގައި ކުރިއަށް ގެންދާ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ   ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.އެމަނިކުފާނު ވިދާޅުވީ، ދުނިޔެ ހޫނުވުމުގެ މައްސަލައަކީ، ރާއްޖެ ފަދަ ބިންތިރި ޤައުމުތަކުން އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.ދެހާސް ފަންސާސްވަނަ އަހަރާއި ހަމައަށް، ނުވަ ބިލިއަން މީހުން ދުނިޔޭގައި އުޅޭނެ ކަމަށް ލަފާކުރެވިފައިވާ އިރު، މިހާރު ތެލުގެ ޑިމާންޑް އޮތްވަރަށް ބަލައި މި އަދަދަށް ދުނިޔޭގައި އާބާދީ އިތުރުވެގެން ގޮސްފިނަމަ ތެލުގެ ސަޕްލައި ހުސްވެދާނެކަމުގެ ބިރު ދުނިޔެއަށް މިހާރު ހީވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.އަނެއްކޮޅުން މިއަހަރު ފަހުކޮޅު ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އދގެ ކޮންފަރެންސްގައި މަޝްވަރާކުރުމަށް ގައުމުތަކުން ތައްޔާރުވަމުންދާ ކަންތައްތަކާއިގުޅޭގޮތުން ދިއްލީގައި މިބޭއްވުނު ސަމިޓްގައި މަޝްވަރާކޮށްފައިވެއެވެ.މިމަޝްވަރާތަކުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވި އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަޖީދު ވިދާޅުވީ އާއެއްބަސްވުމަކަށް ދިއުމަށް ދިވެހި ރާއްޖެއާއި އިންޑިޔާއިން ގެންގުޅެނީ ގާތްގަނޑަކަށް އެއް ވިސްނުމެއްކަމަށެވެ.