ކުޅިވަރު

އިންޓަރއޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ބޭނުންވާ އޮފީސް އަދި ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މާރޗް އެއް ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި ކުންފުނި ތަކާއި، ސަރުކާރުގެ ހިއްސާ އޮންނަ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން ޕަބްލިކް އަދި ޕްރައިވެޓް އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. ޕްރައިވެޓް އޮފީސްތަކާއި ކުންފުނި ތަކަށް ބައިވެރިވެވޭނީ، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގައި 100 މުވައްޒަފުން ހަމަވާނަމަ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ފެބްރުއަރީ 21ގެ ނިޔަލަށް މުބާރާަތަށް ރެޖިސްޓަރ ވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ރެޖިސްޓްރޭޝަން ފޯމް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.