ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް 3 މަސް ތެރޭގައި ނިމޭނެ - ރީޖަނަލް އެއަރޕޯޓްސް


ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ނިމޭނެކަމަށް ރީޖަަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ. ރީޖަނަލް އެއަރޕޯޓްސްއިން ބުނީ ކުޅުދުއްފުށީ އެއަރޕޯޓްގެ ނުނިމި ހުރި މަސައްކަތްތައް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ޙިއްޞާ ކުރައްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ނިޒާރު ވިދާޅުވީ އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލާއި، ފަޔަރ ބިލްޑިންގ އެޅުމަށް ކޮރަލައިން މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށެވެ.

ކޮރަލައިންއާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ޕަސެންޖަރ ޓަރމިނަލާއި، ފަޔަރ ބިލްޑިންގ އެޅުމުގެ މަސައްކަތް އަންނަ ހަފްތާގެތެރޭގައި ފަށާނެކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ މި ދެ އިމާރާތުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށާއި، ތިންމަސްތެރޭގައި އެއަރޕޯޓް އޮޕަރޭޝަނަށް ގެނެވޭ ވަރަށް މަސައްކަތްތައް ނިންމާނެކަމަށެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގައި މިހާރު ކުރިއަށްދަނީ އެއަރޕޯޓްގެ އިން ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރަނީ އެއަރޕޯޓްގެ ބިން ހިއްކުމާއި، ރަންވޭގެ މަސައްކަތްވެސް ކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިންނެވެ.

ނިޒާރު ވިދާޅުވީ އިން ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް ލަސްވަނީ، އެ ސަރަޙައްދުގައި ބައެއް އާންމުންގެ ބިން ހުރުމާއިއެކު، އެކަމާމެދު ޢަމަލުކުރާނެ ވަކި ގޮތެއް ހަމަނުޖެހޭތީކަމަށެވެ. ކުޅުދުއްފުށީ އެއަރޕޯޓް އަޅާ ސަރަޙައްދަކީ އާއްމުންނަށް ދޫކޮށްފައިވާ ބިން ހުރި ސަރަޙައްދެކެވެ.

ރީޖަނަލް އެއަރޕޯޓްސް އިން ބުނީ އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ފަޔަރ ލޮރީއާއި، ހިންގުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި ސާމާނު ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. ކުޅުދުއްފުށީ އެއަރޕޯޓުގައި ފްލައިޓް ޖެއްސުމުގެ ކަންކަން ބަލަހައްޓާނީ ހަނިމާދޫގައި ހުންނަ ޓަވަރުގެ އެހީގައިކަމަށް ރީޖަނަލް އެއަރޕޯޓްސްއިން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައް ނިންމައި މިދިޔައަހަރުވަނީ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައެެވެ. ނަމަވެސް އެއަރޕޯޓްގެ އާއްމު ދަތުރުތައް ނުފެށިފައިވަނީ ޓަރމިނަލާއި ފަޔަރ ސްޓޭޝަން ނެތުމުންނެވެ. ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ރަންވޭއަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް އެރަށުން 15 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.