ސިޔާސީ

ރާއްޖެއާއިއެކު އޮންނަ ގުޅުމަށް އިންޑިޔާއިން ބޮޑު އިސްކަމެއްދޭ


ދިވެހިރާއްޖެއާއި އެކު އިންޑިއާއިން ބާއްވަމުން އަންނަ ޒަމާންވީ ގުޅުމަކީ އިންޑިއާއިން ވަރަށް އިސްކަމެއްދޭ ގުޅުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.މޯދީ މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރަޢީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅެއްގައި އެމަނިކްފާނާއިއެކު ބޭއްވެވި ބައްދަލުވުމަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައެވެ.މި ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހިއްސާ ކުރާ ދެގައުމު ކަމަށާއި، މީގެ އިތުރުން މުސްތަގުބަލުގައި ހާސިލްކުރަން ބޭނުންވާ އަމާޒުތައް ވެސް ދާދި އެއްގޮތް ދެގައުމު ކަމަށެވެ. އެގޮތުން މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ލަނޑުދަނޑި އަކީ އިންޑިއާއާއި ދިވެހިރާއްޖެއާއި ދެގައުމުންވެސް ހިއްސާކުރާ ލަނޑުދަޑިއެއް ކަމަށްވެސް މި ބަޔާނުގައިވެއެވެ. މީގެ އިތުރުން ރާއްޖެއަކީ ހަމަޖެހުން ގާއިމްވެފައިވާ އަމާން ގައުމަކަށް ހެދުމަށް އިންޑިއާއިން ވަމުންދާ އެހީ ކުރިއަށްއޮތްތާނގައިވެސް އެގޮތަށް ހިނގަމުންދާނެ ކަމަށް މޯދީ ވިދާޅުވި ކަމަށްވެސް މިބަޔާނުގައިވެއެވެ.ރަޢީސް މައުމޫން ވަނީ މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާއާ އެކު ބާއްވަމުން އަންނަ ގުޅުމަށް ރާއްޖޭން ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.މިބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަރަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވަން ބޭނުންފުޅުވާކަންވެސް ހާމަކުރައްވާފައެވެ. އަދި މިފަދަ ދަތުރުފުޅެއްގެ ސަބަބުން، ވިޔަފާރި އާއި ޓޫރިޒަމްގެ އިތުރަށް ޒުވާނުންނާ ގުޅުންހުރި ދާއިރާތަކުން ދެ ގައުމުގެ ދެމެދު މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވި ކަމަށްވެސް މިބަޔާނުގައިވެއެވެ.