ކުޅިވަރު

އޭ.އެފް.ސީ އޭޝިއަން ކަޕުގައި އިންޑިއާ ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ


އޭ.އެފް.ސީ އޭޝިއަން ކަޕުގައި އިންޑިއާ ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި އިންޑިއާ ކުޅުނު ދެވަނަ މެޗުގައި ރޭ އިންޑިއާ ބަލިވީ މުބާރާތް ބާއްވާ ޤައުމު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ވާދަކޮށް ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރީކޮޅު އިންޑިއާއިން ޔޫ.އޭ.އީގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޔޫ.އޭ.އީގެ ކީޕަރ ވަނީ މި ހުރިހާ ހަމަލާތަކެއްވެސް ދިފާއުކޮށްފައެވެ.

މި މެޗުގައި ޔޫ.އޭ.އީ އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ޖަހައިދިނީ، ޙަލްފާން މުބަރަކް. ޔޫ.އޭ.އީން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މަބްހައުޓްއެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަގައި ހަތަރު ޕޮއިންޓާއެކު ޔޫ.އޭ.އީ އޮތްއިރު އިންޑިއާއަށް ދެވަނަ ލިބެނީ ތިން ޕޮއިންޓާއެކުއެވެ. އިންޑީއާއިން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހަތަރެއް އެކަކުން ތައިލެންޑްގެ މައްޗަށް ކުރި ހޯދާފައެވެ.
ގްރޫޕް ސްޓޭޖުގައި އިންޑިއާ ކުޅޭ ފަހު މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ބަހްރޭންއާއި ދެކޮޅަށެވެ.