ވިޔަފާރި

ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ޑިއުޓީ ކަނޑާލާ ތަކެތީީގެ ލިސްޓު އާއްމުކޮށްފި


ދަނޑުވެރިކަމުގެ ބޭނުންތަކަށް ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން އިމްޕޯޓު ޑިއުޓީ ކަނޑާލުމަށް ކަނޑައަޅާފައިވާ ތަކެތީގެ ލިސްޓު އާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިިން ނެރެފައިވާ މި ލިސްޓުގައި 158 އައިޓަމެއް ހިމެނެއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައިވާ މި ލިސްޓުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭހުގެ ބާވަތްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ އެކި ވަތްތަރުގެ އާލަތްތައް ހިމެނެއެވެ. އަދި ބަރުދަނުގައި 185 ގުރާމަށް ވުރެ ބަރު، ދިރޭ އަސްދޫންޏާއި ޓަރކީ ބާޑް އަދި ކުއޭލް ދޫނި ހިމެނެއެވެ. މީގެ އިތުރުން ބައެއް ބާވަތްތަކުގެ ގަސް އިދުމަށް ބޭނުންވާ އޮތްވެސް މި ލިސްޓުގައި ހިމެނެއެވެ.

ދަނޑުވެރިކަމުގެ ބޭނުންތަކަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން އެކަމާ ގުޅޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ހުސްވިމަހުގެ އެގާރަވަނަ ދުވަހުއެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ފަށައި، ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް ސަރުކާރުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މަގުފަހި ވެގެންދާނޭކަމަށްވެސް ސަރުކާރުން ބުނެއެވެ.