ޚަބަރު

ރައީސާއި ނާއިބު ރައީސްގެ މާލީ ބަޔާން ހާމަ ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ނާއިބުރައީސް ފައިޞަލް ނަސީމް ހިމެނޭގޮތަށް، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންގެ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފިއެވެ.

ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުން ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިލްކިއްޔާތުގައި އޮތީ ހަމައެކަނި ޅ. ހިންނަވަރުގައި އޮންނަ އެމަނިކުފާނުގެ ބަންޑާރަ ގޯތި ކަމަށްވާ ނޫރާނީއެވެ. އަދި ވޭތުވެދިޔަ 6 މަސް ދުވަހު އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާ އެކަންޏެވެ. އެގޮތުން ރައީސް ޞާލިޙަށް ވޭތުވެދިޔަ 6 މަސް ދުވަހު މުސާރައާއި އެލަވަންސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މާލީ ބަޔާން ދައްކާގޮތުން ވޭތުވެދިޔަ 6 މަސްތެރޭގައި އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މުސާރައާއި އެހެނިހެން ގޮތްގޮތުން ލިބުނު ފައިސާއެވެ. ނާއިބުރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ އަގު 17 މިލިއަނަށް އަރައެވެ. އޭގެތެރޭގައި ހިމެނެނީ 10.5 މިލިއަން ރުފިޔާގެ އަގުހުރި ފުވައްމުލަކު މިލޭނިއަމް ގެއާއި، ހުޅުމާލޭ ވަން އެވެނިއުގެ 6.2 މިލިއަން ރުފިޔާގެ އަގުހުރި 2 ފްލެޓާއި، 500 ހާސް ރުފިޔާގެ އަގުހުރި 2 ކާރާއި، 270 ހާސް ރުފިޔާގެ އަގުހުރި 6 މޮޓޯ ސައިކަލެވެ.

އެގޮތުން އެ އޮފީހުގެ ވެބްސައިޓުން މި މައުލޫމާތު ފަސޭހައިން ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރަމުން ގެންދާނެކަމަށާއި، ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.