ޚަބަރު

ޓްރެވެލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ޖެނުއަރީމަސް ނިމުމުގެ ކުރިން ހުށައެޅުމަށް އަންގައިފި


ޓްރެވެލް އެޖެންސީތަކުގެ އަހަރީ ރިޕޯރޓް މިމަހުގެ ކުރިން ހުށައެޅުމަށް ޓޫރިޒަމް މިނިސްޓްރީން އެޖެންސީތަކަށް އަންގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ޤާވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2019 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށައެޅުމަށް އެދޭކަމަށެވެ.

މި އިޢުލާންގައި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޖަނަވަރީ މަހުގެ ނިޔަލަށް ހުށަނާޅާ ފަރާތްތަކަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާތިލް ވާނެކަމަށް ވަނީ ބުނެފައެވެ.

ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ޤާވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކޮށްގެން މިހާރުވެސް 306 ޓްރެވެލް އެޖެންސީއެއް އަންނަނީ ހިންގަމުންނެވެ.

ބައިނަލްއަޤްވާމީ އެކިއެކި ފެއަރތަކުގައި ބައިވެރިވެގެން މި އެޖެންސީތަކުން އަންނަނީ ރާއްޖެ އިޝްތިހާރުކުރަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ޓްރެވެލް އެޖެންސީތަކުގެ ހިއްސާވެސް ބޮޑެވެ.