ޚަބަރު

މަޖިލިސް އިންތިޚާބަށް ބޭރުގެ 7 ޤައުމެއްގައި ވޯޓުފޮށި ބަހައްޓަނީ


ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ބޭރުގެ ހަތް ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ވޯޓު ފޮށި ބަހައްޓާނީ ހަތް ޤައުމެއްގެ އަށް ސިޓީއެއްގައި ކަމަށެވެ. އަދި އެއިން ކޮންމެ ސިޓީއެއްގައި ވޯޓު ލުމަށް 150 މީހުން މަދުވެގެން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ 50 މީހުން ރީރަޖިސްޓްރީ ކުރާ ކޮންމެ ރިޒޯޓެއްގައިވެސް މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

"150 މީހުން ރީރަޖިސްޓްރީކޮށްފިނަމަ މިފަހަރުގެ އިންތިޚާބުގައި އިންޑިއާގެ ތިރުވަނަންތަޕޫރަމާއި، ނިއުދިއްލީގެ އިތުރުން ސްރީލަންކާ، މެލޭޝިޔާ، ސިންގަޕޫރު، ބެންގކޮކް، ދާކާ އަދި ލަންޑަންގައިވެސް ވޯޓުފޮށި ބަހައްޓާނަން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި ރީ ރަޖިސްޓްރީކުރަން ޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަންނޫން އެހެން ތަންތަނުގައި ވޯޓުލާން ބޭނުންވާ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ވޯޓިލީއިރު، ތިބި ޤައުމުތަކުގައި މަޖިލިސް އިންތިޚާބުގައިވެސް ވޯޓުލާން ބޭނުން ފަރާތްތަކުން ރީރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ.

ކުރީގެ އިންތިޚާބުތަކާއި ޚިލާފަށް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރިސޯޓްތަކާއި، ސިނާޢީ ރަށްރަށުގެ އިތުރުން ޖަލުތަކުގައި 50 މީހުން ރަޖިސްޓްރީ ކުރިނަމަވެސް ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މީގެ ކުރިން ރިސޯޓުތަކާއި، ސިނާޢީ ރަށްރަށުގެ އިތުރުން ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެތަނަކަށް މަދުވެގެން 100 މީހުން ރީރަޖިސްޓްރީ ކުރާނަމައެކަންޏެވެ. މިތަންތަނުގައި ވޯޓުފޮށި ބެހެއްޓުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި މަޓީއާއެކުވެސް މިހާރު މަޝްވަރާކޮށް އެފަރާތްތަކުގެ އެއްބާރުލުން ލިބިގެންދާނެކަން އީސީން ފާހަގަކުރެއެވެ.

އަންނަ އޭޕްރީލް މަހުގެ 6 ވާ ހޮނިހިރު ދުވަހު މަޖިލިސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާއިރު، މިއިންތިޚާބާއި ގުޅިގެން އުފައްދާ ޤައުމީ ލަފާދޭ ކޮމެޓީވެސް އުފެއްދުމަށް އެކޮމިޝަނުން މިއަދުވަނީ ނިންމާފައެވެ. މިކޮމިޝަނުގައި ހިމެނޭނީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ސިޔާސީ ޕާޓީތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސްއާ، ޑިޕާޓްމަންޓް އޮފް ނޭޝާނަލް ރަޖިސްޓްރޭޝަނާއި، ހިއުމަންރައިޓްސް ކޮމިޝަނާއި، ސިވިލް ސަރވިސްކޮމިޝަނެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އެންޓިކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެޓާނީ ޖެނަރަލްގެ އޮފީސްގެ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ދެޖަމިއްޔާއެއްގެ ތެރެއިން އީސީން ކަނޑައަޅާފައިވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި ވިމަންސް ޑޮމޮކްރަސީއެވެ.