ޚަބަރު

ބްރެކްސިޓް އެއްބަސްވުން ފާސްކުރަން ސަރުކާރުން ކުރެވެންހުރި ހުރިހާ ކަމެއްކުރާނެ: ހެމަންޑް


އެއްވެސް އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަކީ އިނގިރޭސި ރައްޔިތުންގެ މަސްލަހަތަށް ފުށުއަރާ ކަމެއްކަމަށް އިނގިރޭސި މާލީ ވަޒީރު ފިލިޕް ހެމަންޑް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ހެމަންޑް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އިނގިރޭސި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްޔިތުންގެ މަންފާއަށް މަސައްކަތްކުރުން ކަމަށާއި، އެއްވެސް އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވެއްޖެނަމަ، އެކަން ހާސިލު ނުކުރެވޭނެކަމަށެވެ.

މި އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ވަނީ ނިންމާފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތުން ވަނީ، މިކަން ކުރިއަށްގެންދާނޭ ގޮތާމެދު އެއްބަސްވުމަކަށް އައިސްފައެވެ.

އެހެންނަމަވެސް މި އެއްބަސްވުން ތަންފީޒުކުރެވޭނީ މިކަމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މިކަމާ ގުޅޭ ވޯޓެއް މި މަހުގެ 15 ވަނަ ދުވަހަަށް ޤާނޫނު ހަދާ މަޖިލީހުގައި ތާވާލުކޮށްފައިވާއިރު މި ވޯޓުގައި އެއްބަސްވުމަށް ރުހުން ނުލިބިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތެއް، އިނގިރޭސި ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހެމަންޑް ވިދާޅުވީ، އިނގިރޭސި ސަރުކާރުން އޮތީ އެއްބަސްވުން ފާސްކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ތައްޔާރަށްކަމަށެވެ.