ޚަބަރު

ޔަމަނުގެ ހަނގުރާމައިގައި ޝާމިލުވާ ފަރާތްތަކުން އެއްބަސްވުމަށް ޢަމަލުކުރޭ: އދ


ޔަމަނުގެ ހަނގުރާމައިގައި ޝާމިލުވާ ދެ ފަރާތުންވެސް، އެ ޤައުމުގެ ހުދައިދާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ޤާއިމުކޮށްފައިވާ އެއްބަސްވުމަށް ޢަމަލުކުރަމުންދާކަމަށް އދން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ވިދާޅުވެއްޖެއެވެ.

ޔަމަނުގެ މަސްރަހާ ބެހޭގޮތުން އދގެ ސަލާމަތީ މަޖިލީހަށް މަޢުލޫމާތު ދެއްވަމުން އދގެ ޚާއްޞަ މަންދޫބު މާޓިން ގްރިފިތްސް ވިދާޅުވީ، އެއްބަސްވުން ޤާއިމުކުރި ފަހުން އެ ސަރަހައްދުގައި ދެފަރާތުންވެސް މުޅިންހެން ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަމަށެވެ. އަދި މިކަމުގައި ދާދި އަވަހަށް ކާމިޔާބު ލިބި، ކައިރި މުސްތަޤުބަލެއްގައި މަޝްވަރާތަކުގެ ދެވަނަ ބުރު ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އދގެ ޚާއްޞަ މަންދޫބު ވިދާޅުވިއެވެ.

ޔަމަނުގެ ސަރުކާރާ ދެކޮޅު ހޫޘީ ޖަމާޢަތުން އެ ޤައުމުގެ ހުދައިދާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނީ މިދިޔަ މަހު އދން އިސްނަގައިގެން ސްވިޑަންގައި ކުރިއަށްގެންދިޔަ ސުލްޙައިގެ މަޝްވަރާތަކުގައެވެ.