ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ނިޒާމް ބަދަލުކުރަނީ


މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، އެނިޒާމަށް ގެންނަ ބަދަލުތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ދޮށީ އުމުރުގެ މީހުންނާ ބައްދަލު ކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަސްތުވާތަކެތިން ޒުވާނުން ދުރުކުރަން ޕްރޮގްރާމްތައް ހިންގާތާ ތިރީސް ފަސްއަހަރު ވެފައިވީ ނަމަވެސް، މިހާތަނަށް އެކަމުގެ ނަތީޖާ އެންމެ ފުރިހަމައަށް ފެނިފައި ނުވާކަމަށެވެ. އެހެންކަމުން ފަރުވާދޭ ވައްޓަފާޅި ބަދަލުކޮށްލުމުން ތަފާތު ނަތީޖާއެއް ނުކުމެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ނިމިގެންދިޔަ އަހަރަކީ ތޫނު އެއްޗެތިން ހަމަލާދިނުމާއި އެފަދަ މާރާމާރީގެ ކުށްތައް މަދުކުރެވިފައިވާ އަހަރެއްކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަހަރު ޚާއްސަކޮށްގެން މަސައްކަތްކުރައްވާނީ މަސްތުވާ ތަކެތިން ޒުވާނުން ދުރުކުރުމަށް ކަމަށެވެ.ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދިވެހި ޤައުމުގެ އިޖުތިމާއީ ފޭރާން މިހާރު މުޅިން ނެތި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އިންސާނިއްޔަތަށް ލޯބިކުރާ ކުލުނުހުރި މުޖުތަމަޢަކަށް މި މުޖުތަމަޢު ބަދަލުކުރެވޭނީ ޒުވާނުންގެ ތެރެއަށް ހަމަޖެހުން އައިސްގެން ކަމަށެވެ. އަދި ގައުމު އަނބުރާ އިސްލާހުގެ މަގަށް އެޅުވުމަށް އިސް ރަށްވެހިން ނުވަތަ ދޮށީ އުމުރުގެ މީހުން މިހާރުގެ ޒުވާނުންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.