ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ، ރިޔާސީ ކޮމިޝަނުން ތަޙްޤީޤްކުރަން ފަށައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިންގިކަމަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލަ ތަޙްޤީޤްކުރަން ރިޔާސީ ކޮމިޝަނުންފަށައިފިއެވެ.

ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އިން އެންމެ ފުރަތަމަ ބަލަން ފެށި މައްސަލައަކީ އެމްއެމްޕީއާރުސީގެ މައްސަލަކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ވަނީ، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަޙްޤީޤަށް ބޭނުންހިފޭނެ ލިޔެކިއުމާއި މަޢުލޫމާތެއް ހުރިނަމަ އެ ކޮމިޝަނާ ޙިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ޢަދަދު 91.9 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް އެ މައްސަލަ ތަޙްޤީޤްކުރުމަށްފަހު އޭސީސީން ދާދިފަހުން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރޭގައި ރަށްރަށާއި ފަޅުފަޅުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ބޭންކް ޗެކް ނުވަތަ ބެންކް އޯޑާ ޗެކުތަކުގެ ޕީއީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ ނަން ލިޔެފައި ވީނަމަވެސް، އެ ޗެކްތައް އެންޑޯޒް ކުރުމަށް އެ ކުންފުނީގެ އޭރުގެ އެމްޑީ ސޮއިކޮށް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖުމްލަ ބާވީސް މިލިއަން ސަތޭކަ ސާޅީސް ފަސް ހާސް އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށްވެސް އޭސީސީން ހާމަކުރައްވާފަައިވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުފަޅުން އެކޯޕަރޭޝަނަށް ހަތްދިހަ ހަތެއް ޕޮއިންޓު ފަހެއް މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން ތަހުޤިޤަށް ޔަޤީންކުރެވުނު ނަމަވެސް އޭގެ ތެރެއިން، އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަދެފައި ވަނީ ބާރަ ޕޮއިންޓު ފަހެއް މިލިއަން ޑޮލަރު ކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލަވެސް ތަހުޤިޤު ކުރަމުން އަންނަކަމަށްވެސް އޭސީސީން ވަނީ ހާމަކުރައްވާފައެވެ. އަދި އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގައި އުޅުނު ނަމަވެސް، ފުލުހުންނާ ގުޅިގެން އެފަރާތްތައްވެސް ޝަރީޢަތަށް ޙާޒިރުކޮށް ސުވާލު ކުރަން ނިންމާފައިވާކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ އެ އެކައުންޓުގައި ހުރި ފައިސާ މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހު އޭސީސީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިކަން އެކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ބޮޑެތި ޢަދަދުތަކުން ފައިސާ ވަދެފައިވާ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ.