ކުޅިވަރު

ބާސާގައި ކުޓީނިއޯއަށް ކުރިމަގު އެބައޮތްކަމަށް އެކުލަބުން ބުނެފި


ބްރެޒިލްގެ ފިލިޕް ކުޓީނިއޯ އަށް ބާސެލޯނާގައި ކުރިމަގު އެބައޮތް ކަމަށް އެކުލަބުން ބުނެފިއެވެ.

ސްޕޭނުގެ ޗެމްޕިއަން ޓީމުން މިހެން ބުނީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް ފުރަތަމަ 11އިން ޖާހަ ނުލިބޭތީވެ ކުޅުންތެރިޔާގެ ނުތަނަވަސްކަން ބޮޑުވާ ކަމަށް މީޑިޔާތަކުން ބުނަމުންދާތީއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ގަތުމަށް އެކުލަބާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ވެސް ބޭނުންވެއެވެ.

ބާސެލޯނާގެ ޑިރެކްޓަރ ގުއިލާމޯ އަމޯ ބުނީ ކުޓީނިއޯ އަކި ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށާއި، ބާސެލޯނާއިން 144 މިލިއަން ޕައުންޑް ދީފައި އޭނާ ގަތީ އެހެންވެ ކަމަށެވެ. އަދި ކުޓީނިއޯ ހުރީ ފަސް މިނިޓް ދިނަސް 90 މިނިޓް ދިނަސް ކުޅެން ތައްޔާރަށް ކަމަށާއި އެއީ އަމިއްލަ މަސްލަހަތަށްވުރެ ޓީމަށް ވިސްނާ ކުޅުންތެރިއެއް ކަމަށް ބާސާގެ ޑިރެކްޓަރ ވަނީ ބުނެފައެވެ.

ބާސެލޯނާގެ މިހާރުގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ކޯޗުކަމުގައި ގިނަ ކުޅުންތެރިން ބޭނުން ނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ. މިހެންވެ ކޯޗުގެ ކުރިމަގާމެދު ގޮތެއް ނިންމަން ކުލަބުންދަނީ މަޝްވަރާކުރަމުންނެވެ.

ކުޓީނިއޯ މިދިޔަ ސީޒަނުގެ ފަހުކޮޅު ބާސެލޯނާއާ ގުޅުމަށްފަހު 10 ގޯލު ވަނީ ޖަހާފައެވެ. ނަމަވެސް މި ސީޒަނުގައި އޭނާ އަށް ގިނައިން ފުރުސަތު ލިބެނީ ބެންޗުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބާސެލޯނާގެ ސްޓައިލަށް ކުޓީނިއޯ ނުހޭނެނީ އޭނާގެ އަސްލު މަގާމުން ނޫން އެހެން މަގާމުތަކަށް ކުޅުވާތީއެވެ.