ޚަބަރު

އަދާލަތުގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި


ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި އެ ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމާއި، ތާޢީދު އޮތް މިންވަރު އަންގައިދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުން އެދޭ ކަމަށެވެ. އަދާލަތު ޕާޓީން ކުރިމަތިލުމަށް ނިންމާފައި ވަނީ 13 ދާއިރާއަކަށެވެ.

  • އަދާލަތުން ވާދަކުރަން ނިންމާފައިވާ ދާއިރާތައް:
  • 1. ކެލާ ދާއިރާ
  • 2. ވައިކަރަދޫ ދާއިރާ
  • 3. ހަނިމާދޫ ދާއިރާ
  • 4. މަކުނުދޫ ދާއިރާ
  • 5. އިނގުރައިދޫ ދާއިރާ
  • 6. ކާށިދޫ ދާއިރާ
  • 7. މަހިބަދޫ ދާއިރާ
  • 8. މުލަކު ދާއިރާ
  • 9. ނިލަންދޫ ދާއިރާ
  • 10. ގަމު ދާއިރާ
  • 11. ފުވައްމުލަކު ދެކުނު ދާއިރާ
  • 12. ފޭދޫ ދާއިރާ
  • 13. މާފަންނު ދެކުނު ދާއިރާ

އަދާލަތު ޕާޓީން މީގެކުރިން ބުނެފައިވަނީ އަދާލަތު ޕާޓީން ބުނެފައިވަނީ ކޯލިޝަންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް އަލްއުސްތާޒް މަޢުމޫން ޢަބްދުލްޤައްޔޫމާއި އެކު އަދާލަތު ޕާޓީގެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތަށް އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ފަރާތުންވެސް ވާދަކުރާނެ ކަމަށެވެ.

އަދާލަތު ޕާޓީން މަޖިލިސް އިންތިޚާބުގައި 13 ދާއިރާއަކަށް ވާދަކުރަން ނިންމާ އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާ ޖުމްހޫރީ ޕާޓީން ވަނީ މުޅި މަޖިލީހަށް ކުރިމަތިލާން ނިންމާފައެވެ. އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ، މައުމޫން ރިފޯރމް މޫމަންޓް، އެމްއާރްއެމްއިން ވެސް މިހާރުވަނީ މަޖިލިސް އިންތިޚާބުގައި ރައީސް މަޢުމޫންގެ ތާޢީދާއެކު ނިކުންނަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައެވެ.