ޚަބަރު

ޤައުމީ ޔުނިވަރސިޓީން އިތުރު 3 ދާއިރާއަކުން ޕީއެޗްޑީއަށް ކިޔަވައިދޭން ތައްޔާރުވަނީ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިތުރު ތިން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފް ވިދާޅުވީ ސިއްޙީ ދާއިރާ އާއި ޝަރީޢާގެ އިތުރުން އެހެން ދާއިރާ އަކުންވެސް ޕީއެޗްޑީއަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އިތުރު ދާއިރާއަކުންވެސް ޕީއެޗްޑީއަށް ކިޔެވޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކުރަމުންދާކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހެދުމުގެ ޝަރަފު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދެ ދަރިވަރަކު ހޯދާފައިވަނީ 2018 ވަނަ އަހަރުގައެވެ. މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަކީ މި ޝަރަފް ހޯދި ދިވެހި ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރުކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ޤައުމި ޔުނިވަރސިޓީން ދަނީ ސަރޓިފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީގެ އާ ހަމައަށް އެކި ދާއިރާތަކުން ތަފާތު ކޯސްތައް ހިންގަމުންނެވެ.