ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ މަސްތުވާތެކެތި އަތުލައިގެންފި


ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، މިމަހުގެ 7 ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެ އައި މި މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއިމެދު ޝައްކު ކުރެވިގެން ބަލާފާސްކުރި ކުރުމުން 2،084 އޮރެންޖް ކުލައިގެ ގުޅަތަކެއް ފެނިފައިވާކަމަށެވެ.
މި ތަކެތި ތަހްލީލުކުރި ކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްޓަމައިން (ޔާބާ) އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ކަސްޓަމްސްއިން ބުނީ، އުމުރުން 31 އަހަރުގެ ބަންގްލަދޭޝްގެ މި މީހާއަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 282 ގްރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީއަގު 1.6 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ މި މައްސަލަ ތަހްޤީޤްކުރަމުންނެވެ.