ޚަބަރު

މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކޮށްފި


ރ. އިނގުރައިދޫގައި އެމްއެންޑީއެފުން ކުރިއަށްގެންދާ "މޫދު ކަސްރަތުން – އުފާވެރިކަން" ޕްރޮގްރާމްގެ ބައިވެރިން އިނގުރައިދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ އެމީހުންގެ ޢާއިލާތަކާ ބައްދަލުކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރުމަށް އިނގުރައިދޫ ބީޗް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިން ވަނީ އިނގުރައިދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ 13 މީހަކާ ބައްދަލުކޮށް އެމިހުންނަށް ހަދިޔާ ދީފައެވެ.

އެމްއެންޑީއެފުން ބުނީ، މިފަދަ ޙަރަކާތެއް ބޭއްވުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، މުޖުތަމަޢުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލުމަށް ބާރުއެޅުމަށް ދަސްކޮށްދިނުން ކަމަށެވެ. މިހަރަކާތުގައި އިނގުރައިދޫ މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އާއިލާތަކާއި، އެމްއެންޑީއެފްއާއި، އިނގުރައިދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

އިނގުރައިދޫގައި މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަނީ މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމް ހިންގަމުންނެވެ. މި ޕްރޮގްރާމްގައި 282 މީހުން ބައިވެރިވެއެވެ. މި ޕްރޮގްރާމް ހިންގަނީ އެމްއެންޑީއެފާއި، އިގުރައިދޫ ކައުންސިލާއި، އެރަށުގައިހުރި ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.