ޚަބަރު

ޚާރިޖީ ސިޔާސަތުގެ އަސާސަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން - ޝާހިދު


ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މައިގަނޑު އަސާސަކީ ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު ޙިމާޔަތްކުރުންކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އެކި ޤައުމުތަކަށާއި ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާ އައު ސަފީރުންނާއި، ސަފީރުންގެ ނައިބުން، އެބޭފުޅުން ޙަވާލުވާ މިޝަންތަކުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ފޮރިންގ މިނިސްޓްރީގައި ބާއްވާ 2 ދުވަހުގެ ޕްރޮގްރާމް ފައްޓަވައިދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ޚާރިޖީ ސިޔާސަތު އަމާޒުވެފައި އޮތީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއީ ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ އިސްތިޤްލާލާއި، ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް ކަންކުރުންކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދެން ބިނާވެގެން ދާނީ ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އިސްނެގުމުގެ މައްޗަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމުގެ ހުވައިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާކަމާއި، ހަމައެއާއިއެކު ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ބޯލަނބާ ހުރިހާ ޤައުމުތަކަކާއިއެކު ރާއްޖެއިން އެކުވެރިކަމުގެ ގުޅުން ބަދަހިކުރަމުން ގެންދާނެކަމަށް ވިދާޅުވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބަވާ ބޭފުޅުން ބޭރުގައި ތިއްބަވަނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައިކަން ހަނދުމަފުޅު ބަހައްޓަވަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ބޭރުގައި ހުންނަވަނިކޮށް ރައްޔިތަކަށް ކަމެއް ދިމާވެއްޖެނަމަ އެކަމަކަށް ވީހާވެސް ބޮޑަށް އިސްކަން ދެއްވުމަށް ސަފީރުންނާއި ސަފީރުންގެ ނައިބުންނަށް ޝާހިދު ވަނީ އިލްތިމާސްކުރެއްވާފައެވެ. ރާއްޖެއިން ބޭރުގައި ދިވެހިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގައި ޚާއްސަ ސަމާލުކަމެއް މިނިސްޓްރީއިން ކުރިއަށް އޮތްތަނުގައި ދެއްވާނެކަމަށް މިނިސްޓަރ ޝާހިދުގެ އައު އަހަރުގެ މެސެޖްގައިވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އެކި ޤައުމުތަކަށާއި ޖަމްއިއްޔާތަކަށް ކަނޑައަޅުއްވާ އައު ސަފީރުންނާއި، ސަފީރުންގެ ނައިބުން، އެބޭފުޅުން ޙަވާލުވާ މިޝަންތަކުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ބާއްވާ މި ޕްރޮގްރާމްގައި 16 ފަރާތަކުން ބައިވެރިވެވަޑައިގަންނަވައެވެ.