ޚަބަރު

ޑޮކްޓަރުންގެ ލަފައާ ޚިލާފަށް އަދީބު ޖަލަށް އަނބުރާ ގެންދިޔަ މައްސަލަ މަޖިލީހަށް ހުށަހަޅަނީ


ޑޮކްޓަރުންގެ ލަފައާ ޚިލާފަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަލުން އަނބުރާ ޖަލަށް ގެންދިޔަ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން ބުނެފިއެވެ.

ރައްޔިތުންނަށް އަނިޔާވެރިވުމުގައި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަންކުރައްވާ އުސޫލާ އެއްވެސް ތަފާތެއް ނެތް ކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެމްޓީޑީން ބުނެފިއެވެ.

އެމްޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނާއިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ އެޕާޓީގެ ރައީސް އަޙުމަދު އަދީބު ގޭބަންދުގައި ހުންނަވަނިކޮށް އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިރުޝާދާއި ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބުނެފައި ކަމަށެވެ. އެހެން ކަމުން މަޖިލިސް ހުޅުވުނުހައި އަވަހަކަށް އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެއޮތީ ބުނެފައި އަދީބު ގޭބަންދުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ޖަލަށް ގެންދެވުނީ ޑޮކްޓަރުންގެ ލަފައާއި ހިލާފަށޭ. ގާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް އިދާރާއަކުން އަދި މުއަސަސާއަކުންވެސް ކަންކަން ކުރުމަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފު ކަމެއް. މަޖިލިސް ހުޅުވުނުހާ އަވަހަށް މަޖިލީހަށް މި މައްސަލަ ހުށަހަޅާނަން." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ބަންދެއްގައި ހުރި އެއްވެސް މީހެއްގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ދާއިރު ޑޮކުޓަރުންގެ ލަފައާއި ޚިލާފަށް ކަމެއް ކޮށްގެން ނުވާނެ ކަމަަށް އެންޓި ޓޯޗަރ ޤާނޫނުގައި ބުނެފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާނަށް ވުރެ އަދީބު މަޝްހޫރުވެ އަދީބަށް އޮތް ތާއީދު އިތުރުވުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ސީނިއަރ ނާއިބު ރައީސް އިސްމާއީލް އާސިފް ވިދާޅުވީ މިހާރުގެ ސަރުކާރަށް ރައްޔިތުން ފުރުޞަތު ދިނީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން ފެނުނު ފަދަ އަނިޔާވެރިކަން މިސަރުކާރުގެ ތެރެއިންވެސް ފެންނަން ފަށާފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެވެމުންދިޔަ ދުވަސްވަރު ގުޅިފައިވާ އިއްތިހާދުގެ ޕާޓީތަކުން ވަނީ ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް ވައުދުވެފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރުގެ ހޯމް މިނިސްޓަރު ކަންތައްތައް ކުރައްވަނީ އޭރުވީ ވައުދާއި ޚިލާފަށް ކަމަށް އާސިފް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރައީސް ޞާލިޙްގެ ސަރުކާރާއި މެދު ރައްޔިތުން ކުރި އުއްމީދުތަކަށް ކިލަނބުކަން އަންނާނެ ކަމަށާއި އެއާއެކު ސަރުކާރުގެ މޫނުމަތި ހަޑިވެގެންދާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

"ދެން މިއަދު ސަރުކާރަށް އައި ބޭފުޅުން ވިދާޅުވަނީ ޔާމީން ވަރަށް އަނިޔާވެރިއޭ. ޔާމީނާއި ޝެއިޚް އިމްރާނާ އަޅުގަނޑުމެންނަށް އެއްވެސް ތަފާތެއް ނެތް. އަނިޔާވެރިކަމުގައި އިނގޭތޯ. ހަމައެއްވެސް ތަފާތެއް ނެތް. ރޭގަނޑު ގަޑިތަކުގައި އައިސް މީހުން ޖަލަށް ގެންދަނީ." އާސިފް ވިދާޅުވިއެވެ.

ކުރީގެ ނާއިބު ރައީސް ގޭބަންދުގައި ހުންނަވަނިކޮށް މީގެ ހަފްތާއެއް ކުރިން ޖަލަށް ބަދަލު ކުރި މައްސަލަ ބެލުމަށްފަހު އެޗްއާރުސީއެމުން ވަނީ އަންގާރަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދީބު ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާ ހިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.