ޚަބަރު

މަޖިލިސް ރައީސްގެ އަރިހަށް އޮސްޓްރޭލިއާގެ ސަފީރު އިޙްތިރާމުގެ ޒިޔާރަތްކުރައްވައިފި


އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ބްރައިސް ޑޭވިޑް ހަޗަސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް، ޚާއްސަކޮށް ތަޢުލީމީ ދާއިރާއަށް އޮސްޓްރޭލިއާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ބްރައިސް ޑޭވިޑް ހަޗަސަންގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާއި އޮސްޓްރޭލިއާއި ދެމެދު އޮތްގުޅުން އިތުރަށް ބަދަހިވެފައިވާކަން މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދެޤައުމުގެ މެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވާރާ ކުރެއްވިއެވެ.

މީގެއިތުރުން މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވެސް ރައްޔިތުން މަޖިލީހުގެ ރައީސާއި އޮސްޓްރޭލިޔާ ސަފީރު ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް އެޤައުމުގެ ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތަކުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ދިވެހި ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.