ޚަބަރު

ރާއްޖެއަށް އެހީ ދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޖިލިސް ރައީސާއި އިންޑިއާ ސަފީރާ މަޝްވަރާކޮށްފި


ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާގެ އެހީ ރާއްޖެއަށް ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި އިންޑިއާ ސަފީރު މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ އަރިހަށް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ މިއަދުކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ކުރައްވަމުން ގެންދާވާ މަސައްކަތްޕުޅު ފަހަގަކުރައްވާ އޭނާއަށް މަޖިލިސް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިޔާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެންނެވިއިރު، ދިވެހިންގެ މެހުމާންދާރީގެ ފުރިހަމަކަން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި ސަރީފު ވަޑައިގެންނެވި ރަށްރަށުގެ ވެރިންނާއި ރައްޔިތުން ބެހެއްޓެވި ގާތްކަމަށްޓަކައި އެބޭފުޅުންނަށްވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.