ޚަބަރު

ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ދެއްވަން ވަނީ ދެކޮޅު ހައްދަވާފައި- ޑީޖޭއޭ


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ކުރާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ދެއްވަން ދެކޮޅުހައްދަވާފައިވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަޙްމަދު މާޖިދު ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލް މިމަހުގެ 06 ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓާއި ހިއްސާކުރެއްވުމަށް އެދިލެއްވި ކަމަށެވެ. ނަމަވެސް އެ މަޢުލޫމާތު ހިއްސާ ނުކުރައްވާނެކަން އިއްޔެ އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.

މާޖިދު ވިދާޅުވީ ޖުޑިޝަރީއާ ގުޅޭގޮތުން ސުއޫދު ދެއްކެވި ވާހަކަ ތަކަކީ ސުޕުރީމްކޯޓުގެވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ވާހަކަތަކެއް ކަމަށާ، އެކަމުގެ ހަޤީޤަތް ރައްޔިތުންނަށް ކޮންމެހެންވެސް އެނގެން ޖެހޭ ކަމަށެވެ. އެތަފްސީލުތައް ހޯދުމަށް އެދިފައިވަނީވެސް އެ ސަބަބާހުރެ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ކޮމިޝަނުން ފޮނުވި ސިޓީގައި އެކަމަށް އިންކާރު ކުރާ ވަކި ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ޝަރުއީ ދާއިރާގެ އަގުވެއްޓޭ ގޮތަށް ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ހިއްޞާ ނުކުރެއްވުމުން އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ހެކި ހުރެގެން ދެއްކެވި ވާހަކަފުޅެއް ނޫންކަމަށް ޤަބޫލު ކުރެވޭކަމަށެވެ. އަދި އެ މަޢުލޫމާތު ހިއްޞާ ކުރައްވަން ދެކޮޅު ހެއްދެވުމުގެ ސަބަބުން ސުއޫދުގެ އިޚްލާސްތެރިކަމާމެދުވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާގެ އަގު ވެއްޓޭ ގޮތަށް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ދެއްވަން އިންކާރު ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއް. އެއީ ހަރުދަނާ ހެކިތަކެއްގެ މައްޗަށް ރަނގަޅު އަސާސްތަކެއްގެ މައްޗަށް ދެއްކެވި ވާހަކަފުޅުތަކެއް ނަމަ އެކަންކަން ސުޕްރީމް ކޯޓާއި ހިއްސާ ކުރަން ދެކޮޅު ހައްދަވަން ޖެހޭ ސަބަބެއް ނެތް. އެކަމުން ދޭހަވަނީ އެއީ ސާބިތު ނުހިފޭ ދޮގު އަދި ރަނގަޅު ނިޔަތެއް ނެތި ދެއްކެވި ވާހަކަފުޅުތަކެއްކަން." މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ހުރިހާ ތަނެއްގައިވެސް މައްސަލަތައް ހުންނާނެ ކަމަށާއި މައްސަލަތައް ހައްލު ކުރަން ޖެހޭނީ ހުރިހާ ފަރާތްތަކަކުން ގުޅިގެން ކަމަށެވެ. އަދި އަދުލު އިންސާފު ޤާއިމް ކުރުމަށްޓަކައި ހުންނަ މުއައްސަސާތަކަށް ހުރުމަތާއި ގަދަރު ދީފައިވާއިރު، ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ ގޮތަށް އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ދެއްކެވުމުގެ ސަބަބުން ސުއޫދާމެދު ފިޔައަޅަން ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ފިޔަވަޅު އަޅުއްވާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.