ކުޅިވަރު

ކްރިކެޓް ކުރިއެރުވުމަށް ލަންކާގެ އެހީ ބޭނުންވޭ - ނައިބު ރައީސް ފައިސަލް


ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ސްރީލަންކާގެ އެހީ ބޭނުންވާކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ.އާރ.ޑަބްލިޔު.އާރ.އޭ.ބީ. ތޮރަޑެނިޔާ އާއިއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސްރީލަންކާއަކީ ކްރިކެޓްގައި މިސަރަހައްދުގެ ގަދަ ބާރެކެވެ.

ބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވަނީ ރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމަށް ފައިދާހުރިގޮތަކަށް އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަމަށެވެ. އަދި ކުޅިވަރުގެ ރޮނގުންވެސް ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރުވެސް ވަނީ އެކި ދާއިރާތަކުން އެއްޤައުމުން އަނެއް ޤައުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.