ޚަބަރު

ނޮވެލްޓީ ޢަލީ ޙުސައިން އަވަހާރަވެއްޖެ


ރާއްޖޭގެ ޗާޕް ކުރުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން، ނޮވެލްޓީ ޢަލީ ޙުސައިން އަވަހާރަވެއްޖެއެވެ.

މ.ވާރޭވިލާ، ޢަލީ ޙުސައިން އަވަހާރަވީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 82 އަހަރެވެ.

ޢަލީ ޙުސައިން އަކީ، ރާއްޖޭގައި ޗާޕް ކުރުމުގެ ދާއިރާއަށް އިންގިލާބީ ޒަމާނީ ކުރިއެރުންތަކެއް ގެނުވި އަދި މިހާރުވެސް މި ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޗާޕް ކުރުމުގެ އިތުރުން ޢަލީ ޙުސައިން އަކީ ތާރީޚަށާއި އަދަބިއްޔާތައް ލޯބިކުރާ، ތާރީޚީ ގިނަ ލިއުންތަކެއް އެއްކުރައްވައި ތާރީޚީ ފޮތްތަކެއްވެސް ލިއުވައި ޕަބްލިޝް ކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. އަދި އަވަހާރަވިއިރުވެސް ޢަލީ ޙުސައިން ގެންދެވީ، ރާއްޖޭގެ ތާރީޚީ އެކި ހާދިސާތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް އެއްކުރައްވައި ފޮތްތަކެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޢަލީ ޙުސައިނަކީ، 1962 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޕްރިންޓް ކުރުމުގެ ޚިދުމަތް ދެމުން އަންނަ ބޭފުޅެކެވެ. ވަރަށް އާދައިގެ ގޮތަކަށް ޢަލީ ޙުސައިން އިސްނަންގަވައިގެން ފެށްޓެވި މި މަސައްކަަަތް މިހާރުވަނީ، މިޒަމާނުގެ ޓެކްނޮލޮޖީއާއެކު، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް ޗާޕުކުރުމުގެ މަސައްކަތްކުރާ ފެންވަރަށް ތަރައްޤީ ކުރައްވާފައެވެ.

ޢަލީ ޙުސައިން އަކީ ރާއްޖޭގައި ޗާޕް ކުރުމުގެ ތާރީޚަށް ބަލާއިރު، މި މަސައްކަތް އެންމެ ކުރިއްސުރެ މެދުކެނޑުމެއްނެތި ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ސާދާ ޗާޕުޚާނާގެ ނަމުގައި އޭނާ އެންމެ ފުރަތަމަ، މި މަސައްކަތް ފަށްޓަވާފައިވަނީ އަތުން އަނބުރާ މެޝިނަކުންނެވެ. ޢަލީ ޙުސައިން އަމިއްލައަށް އެ މެޝިން ބޭނުންކޮށްގެން ފެށި މި މަސައްކަތް ފުޅާކޮށް، އާދައިގެ އިސްޓެންސިލްގައި ލިޔެގެން ކުރަހައިގެން ވަރަށް ގިނަ ވާހަކަ ފޮތާއި މަޖައްލާ އޭނާ ވަނީ ނެރުއްވާފައެވެ.

އެންމެ އާދައިގެ ގޮތަކަށް ފެށި މި މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އައިސް އެންމެ ޒަމާނީ ފެންވަރަށް މިއަދު ތަރައްޤީކޮށްފައިވާއިރު، ޢަލީ ޙުސައިނަކީ، މަސައްކަތުގެ ފެންވަރު ރަނގަޅު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކޮންމެ ކޮންމެ ގޮތަކަށް މަސައްކަތް ނިންމާލައްވާފައި ދޫކޮށްލެއްވުމުގެ ބަދަލުގައި، ވީހާ ރަނގަޅަށް ވީހާ ފުރިހަމައެއްކޮށް ކަންތައްތައް ކުރެއްވޭތޯ އަބަދުވެސް ބެއްލެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ޢަލީ ޙުސައިން އަވަހާރަވިއިރު، އޭނާ ވަނީ ޗާޕް ކުރުމުގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

ޢަލީ ޙުސައިންއަށް ވަނީ، ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީކުރުމުގެ ދާއިރާއިން 2003 ވަނަ އަހަރު އާންމު ޚިދުމަތުގެ ޝަރަފުގެ އިނާމްވެސް ލިބިވަޑައިގެންފައެވެ. އަދި މި ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1979 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ޢަލީ ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ.