ތިމާވެށި

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރަން އޭޓީޕީން މަސައްކަތް ފަށައިފި


އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭ.ޓީ.ޕީން އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއާއި އޭޓީޕީގެ ރައީސް ޑރ. ހުސެއިން ސަނީ އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި އޭޓީޕީން ވަނީ ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށްޓަކައި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލަންނުޖެހޭ އަދި ފަހުން ރީފިލްކުރެވޭ ފުޅި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. މީގެއިތުރުން ޕްލާސްޓިކް ކޮތަޅުތައް އުކާލެވޭ މިންވަރު މަދުކުރުމަށްޓަކައި ކޮތަޅުތަކުން އަގުނެގުމަށްވެސް އޭޓީޕީން ހުށަހެޅިއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށްޓައި އޭޓީޕީން ވަނީ 'ބޭން ދަ ބޭގްސް"ގެ ނަމުގައި ސީއެސް.އާރް ޕްރޮޖެކްޓެއް ފަށާފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން އޭޓީޕީން ދަނީ ދިރާގާއި ގުޅިގެން އެކި އަތޮޅުތަކަށް ރީޔޫސެބަލް ބޭގްސް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާނުލައި ބޭނުންކުރެވޭ ކޮތަޅުތައް ފޯރުކޮށްދެމުންނެވެ. އޭޓީޕީގެ އަމާޒަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ޕްލާސްޓިކްގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލުހޯދުމެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭޓީޕީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ.