ޚަބަރު

"އާރް އެންޑް ޑީ، އޭ.އައި އެކްސެލެރޭޓަރ" ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ދިނުމަށް ޙަރަކާތެއް ބާއްވައިފި


ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމުގެ ގޮތުން މިމަހުގެ 19 ވަނަ ދުވަހު ލޯންޗުކުރުމަށް ހަމަޖެހިފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމުގައި ރެޖިސްޓަރކޮށް މި ޕްރޮގްރާމާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ ޙަރަކާތެއް ބާއްވައިފިއެވެ.

"އާރް އެންޑް ޑީ، އޭ.އައި އެކްސެލެރޭޓަރ"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާކުރައްވަމުން މި ޕްރޮގްރާމްގެ އޯގަނައިޒަރ މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ ރައީސް ޔޫސުފް ޢަބްދުﷲ ޝުނާން ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރިއާއި، މުޢާސަލާތީ ދާއިރާ ފަދަ ދާއިރާތަކުގައި ދިމާވާ މުހިންމު މައްސަލަތަކާމެދު އެ ދާއިރާތަކުގެ އިސްވެރިން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މި މައްސަލަތައް ޙައްލުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަމަސް ދުވަހުގެ ތެރޭގައި ޕްރޮޑަކްޓްތަކެއް ލޯންޗުކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކާލުމަށް ހަމަޖެހިފައިވާކަމަށް ޔޫސުފް ޢަބްދުﷲ ޝުނާން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި އީޖާދުކުރާ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވޭ ހަ އުފެއްދުމެއް އިތުރަށް ތަރައްޤީކުރުމަށް ޕްރޮފެސަރ ޙަސަން އުގެއިލްގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޝުނާން ވިދާޅުވިއެވެ.

"އާރު އެންޑް ޑީ އޭ.އައި އެކްސެލެރޭޓާ" ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިއީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. އެގޮތުން މި ޕްރޮގްރާމްގައި ކޯޑް ޑިވެލޮޕަރުންގެ އިތުރުން އެފަދަ ބެކްގްރައުންޑެއް ނެތް އެހެން ނަަމަވެސް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސްވަނީ ފުރުސަތު ހުޅުވާލާފަ." ޔޫސުފް އަބްދުﷲ ޝުނާން ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅެގޮތުން ބޭއްވި އިންފޮމޭޝަން ޑޭގައި ބައިވެރިވެ މަޢުލޫމާތު ހޯދި ފަރާތްތަކުންވަނީ މި ޕްރޮގްރާމާ ގުޅޭގޮތުން އެފަރާތްތަކުގެ ޝުޢޫރު ޕީއެސްއެމް ނިއުސް ޓީމާއި ހިއްސާކޮށްފައެވެ. އެ ފަރާތްތަކުން ވަނީ، އާޓިފިޝަލް އިންޓެލިޖެންސްއަކީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދާއިރާއެކަން ފާހަގަކޮށް މި ދާއިރާ ރާއްޖޭގައި ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"އާރް އެންޑް ޑީ، އޭ.އައި އެކްސެލެރޭޓާ" ޕްރޮގްރާމަކީ މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީއާއި، ޕްރޮފެސަރު ޙަސަން އުގެއިލް ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންކުރިއަށްގެންދާ ޕްރޮގްރާމެކެވެ.