ޚަބަރު

ދައުލަތުގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ރައީސް އޮފީހުން އެދިއްޖެ


ދައުލަތުގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއިހުރެ ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތަކުގެ ތެރެއިން 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ހުށަހެޅުމަށް ހުޅުއްވަލައްވާފައިވާކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ދައުލަތުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އަންނަ މަހުގެ 24ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ލިޔުމުން މައުލޫމާތު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އެ މައްސަލަތައް ފޮނުއްވުމަށް ހަމަޖެހިފައިވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް އެޑްރެސްކުރައްވައި، ޣާޒީ ބިލްޑިންގުގައި ހުންނަ ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީޢާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، [email protected] އަށް ވެސް ފޮނުއްވޭނެއެވެ.

ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވައިލައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވެއެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގައިފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު އެމަސައްކަތްޕުޅު ފައްޓަވައިފައެވެ.