ޚަބަރު

ފަސްޓް ރެސްޕޮންޑަރ ތަމްރީންގައި 1200 އަށްވުރެ ގިނަ ޑްރައިވަރުން ތަމްރީން ކުރުމަކީ އަމާޒެއް


ރާއްޖޭގެ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަސްޓް ރެސްޕޮންޑަރ ތަމްރީންގައި 1200 އަށް ވުރެ ގިނަ ޑްރައިވަރުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އަތޮޅުތަކުގައި ޞިއްޙީ ނިޒާމުގެ ތެރެއިން މިވަގުތަށް އެންމެބޮޑު އިސްކަމެއް ދޭންޖެހޭ އިމަޖެންސީ ކެއަރ އާއި އެމްބިއުލޭޓަރީ ޚިދުމަތުގެ މަސައްކަތް ރައްޔިތުންނާއި ގާތުން ދެވޭނެ އިންތިޒާމެއް ޤާއިމުކޮށް، ހުރިހާ ރަށަކަށް އެމްބިއުލޭންސް ހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑްރައިވަރުން ތަމްރީންކުރުމަށް ފެށި ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފަސްޓް ރެސްޕޮންޑަރ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ތަމްރީން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މަގުމަތީގައި ތަފާތު ހާދިސާތައް ދިމާވަމުންދާއިރު އަނިޔާ ލިބޭ ފަރާތްތަކަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ ޓެކްސީ ޑްރައިވަރުންކަން ފާހަގަކުރެއްވިއެވެ.

ޓެކްސީ ޑްރައިވަރުންނަކީ މިފަދަ ހާލަތްތަކުގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށް މުހިއްމު ރޯލެއް އަދާކުރެވިދާނެ ބައެއްކަން ފާހަގަކުރައްވާ ހެލްތް މިނިސްޓަރ ވަނީ ޓެކްސީ ޑްރައިވަރުންނަކީ ޤައުމީ ޚިދުމަތްތަކެއް ރަށްޔިތުންނަށް ފޯރުކޮށްދޭ ބައެއްކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ތަމްރީންތަކުގެ ސަބަބުން ސިއްޙީ ދާއިރާއަށްވެސް ކުރިއެރުންތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ޓެކްސީ ޑްރައިވަރުންނާއި އެމްބިޔުލާންސް ޑްރައިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ފަސްޓް ކެއާގެ ތަމްރީނުތައް ދިނުމަށް މަސަަައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ސީ އެމްބިޔުލާސް ގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން 1200 އަށް ވުރެ ގިނަ ޑްރައިވަރުން ތަމްރީންކުރުމަށް އަމާޒުހިފާފައިވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިސްކަމެއް ދެއްވާކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޓްރެއިނިންއަކީ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޯށްގެން މަގުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި އިނިޔާލިބޭ މީހުންނަށް ފުރަތަމަ އެހީ ފޯރުކޯށްދޭނެ ގޮތް ޑްރައިވަރުންނަށް ދަސްކޮށްދިނުމަށް ދެވޭ 7 ގަޑިއިރުގެ ޓްރެއިނިން އެއް." މިނިސްޓަރ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމް އިފްތިތާޚްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މަގުމަތީގައި ހިނގާ ތަފާތު އެކި ހާދިސާތަކުގައި، ފުލުހުން އެހީތެރިވުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނަށް ފެނުނުނަމަވެސް ބައެއް ހާލަތްތަކުގައި އިހްމާލުވެފައިވާކަމަށެވެ. އަދި މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން މިފަދަ ހާދިސާތަކަށް ޑްރައިވަރުން އެޓެންޑްވެ މިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި 20 އަށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުން ބައިވެރިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 7 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގެ އިތުރުން މަގުމާތީގައި ޤަވާއިދުތަކަށް އަހުލުވެރިކުރުމަށްޓަކައި 1 ގަޑިއިރުގެ ޓްރެއިނިން އެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިންގައި މައިގަނޑު ގޮތެއްގައި ކިޔާދިނުމަށް ހަމަޖެހިފައިވަނީ ދިމާވާ ކުއްލި ޙާލާތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ހޭނެތިފައި ތިބޭ މީހުންނާމެދު އަމަލުކުރާނެ ގޮތާއި ސީ.ޕީ.އާރު ދޭނެ ގޮތް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ފިހިފައި ތިބޭ މީހުންނާމެދު ޢަމަލުކުރާނެ ގޮތާއި ބަލިމީހުން ގޮވައިގެން ދަތުރުކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަންވެސް މި ތަމްރީން ޕްރޮގްރާމްގައި ކިޔައިދިނުމަށް ހަމަޖެހިފައެވެ. ހެލްތް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް މާލޭގައި ފެށިނަމަވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ތަމްރީން ތައް ކުރިއަށް ގެންދާނެކަމަށެވެ.