ވިޔަފާރި

ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓަރ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް


އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މިހާރަށްވުރެ ބޮޑަށް ފަތުރުވެރިކަން ފުޅާކުރުމާބެހޭ ގޮތުން މަޝްވަރާކުރުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު އެ ދެ ސިޓީއަށް ޒިޔާރަތްކުރެއްވުމަށް ނިންމަވައިފިއެވެ.

މިމަހުގެ ދިހަޔަކުން ބާރައަށް ކުރާ މިދަތުރުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބަލައި، އެކަންކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މިއީ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު އެންމެ ފުރަތަމަ ކުރައްވާ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި، ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިޒްނަސް ކޮމިޔުނިޓީ އަދި ފަތުރުވެރިކަމާ ގުޅުންހުރި ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. އަދި މިދެސިޓީގައި ހުރި ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އަރިހުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، މޯލްޑިވްސް އިންޓެގްރޭޓަޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އަދި މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތައް ފަތުރުވެރިކަމުގެ ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްޤީކޮށް ޕްރޮމޯޓްކުރުމަކީ މިސަރުކާރުގެ އަމާޒެއްކަމަށްވާތީ، މިދަތުރުގައި އެކަމާގުޅޭ މަޝްވަރާތައް ކަމާގުޅޭ ފަރާތްތަކާއެކު ބާއްވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.