ޚަބަރު

ކެންސަރަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އަންނަ މާރޗް މަހު ކުޅުދުއްފުށީގައި ފަށަނީ


ރަހިމުގެ ދޮރަށްޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އަންނަ މާރޗުމަހު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ހދ އަތޮޅު ހެލްތް ސަރވިސަސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުރަމަތީ ކެންސަރަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 20 އަހަރުން މަތީގެ އަންހެނުންނެވެ. އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ދެ ވައްތަރެއްގެ ޓެސްޓް ހެދުމަށް ހަމަޖެހިފައިވާއިރު، ވިޝުއަލް އިންސްޕެކްޝަން ވިތް އެސެޓިކް އެސިޑް (ވީއައިއޭ) ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50-30 އަހަރާ ދެމެދު އަންހެނުންކަމަށް ހދ.އަތޮޅު ހެލްތް ސަރވިސަސް އިން މަޢުލޫމާތުދެއެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ޕެޕް ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަންހެނުންނަށެވެ. މި ޕްރޮގްރާމުގައި 400 މީހުން ސްކްރީން ކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް ހދ. ހެލްތް ސަރވިސަސް އިން ބުނެއެވެ.

ހދ.ހެލްތް ސަރވިސަސް އިން ބުނީ މި ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ނަންނޯޓުކޮށްފައިވާކަމަށެވެ. މި ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައިޑީ ކާޑު ހިފައިގެން ކުޅުދުއްފުށީޕަބްލިކް ހެލްތް ޔުނިޓަށް ދިއުމުން ނުވަތަ 6527011 އަށް ފޯނުން ގުޅައިގެންވެސް ނަން ނޯޓް ކުރެވޭނެކަމަށް އެފަރާތުން ބުނެއެވެ.