ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ހާއްސަ އިސްކަމެއް


މަސްވެރިކަން ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ފަސް އަހަރާއި އަޅާބަލާއިރު ގިނަ ފުރުސަތުތަކެއް ހުޅުވާލެވިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއިން ގިނަ ފުރުސަތު ތަކެއް ހުޅުވާލެވިފައިވާއިރު މަސްވެރިކަމުގެ ދާއިރާއިންވެސް ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދެއްވާކަމުގައެވެ.މަސްވެރިކަމުގެ ފުރުސަތު ތަކުގެ އިތުރުން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ފައިސާ ލިބޭ "ބެޔަސް ނުބެޔަސް" ސްކީމް އާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ އެ ސްކީމް ބައެއް ފަރާތް ތަކުން އޮޅުވާލާފައިވާކަމަށާ، އެ ސްކީމްގެ ދަށުން 10 ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައި ނުވާކަމުގައެވެ. ނަމަވެސް އެ ސްކީމްގައި ވެސް އަދި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށާ އެކަން ކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމުގައެވެ.އެ ސްކީމްގައި ގިނަ ފަރާތްތަކުން ބައިވެރި ނުވުން އެއީ މަސްވެރިންގެ ފުދުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށާ،އެއިން ދައްކުވައިދެނީ މަސްވެރިންގެ އާމްދަނީ މިހާރުވެސް 10 ހާސް ރުފިޔާ އަށްވުރެ މަތީގައި ހުރިކަން ކަމައްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުން ސަރުކާރުން ވައުދުވެފައިވާ މަސްވެރިކަމުގެ މެރީނާ ތައް ގާއިމުކޮށް ބަނދަރުތައް ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ބަނދަރު ހުޅުވިފައިވާކަމަށާ، މި ދައުރު ނިމުމުގެ މާކުރިން އެހެން ބަނދަރު ތަކުގެ މަސައްކަތް ވެސް ނިމިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.