ވިޔަފާރި

ވަރލްޑް ބޭންކްގެ ރައީސް ކިމް އިސްތިއުފާ ދެއްވަނީ


އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވޯރލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގ ކިމް މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވަރލްޑް ބޭންކްގެ ރައީސްކަމުގެ މަޤާމުން ޖިމް ޔޮންގ ކިމް އިސްތިއުފާދޭން ނިންމިކަން އިއުލާނުކޮށްފައިވަނީ، ޖިމް ޔޮންގ މަޤާމުގެ ދައުރު ހަމަވާން 3 އަހަރަށްވުރެ ގިނަދުވަސް އޮތްވައެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ދައުރު ހަމަނުވަނީސް ކިމް އިސްތިއުފާދޭން ނިންމުމުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއި މެދު ހިތްހަމަޖެހިވަޑައިނުގަތުމެވެ
ކިމްއަކީ މިހާރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއި ދެކޮޅު ބޭފުޅެއް ކަމަށް މީޑިއާގެ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ކިމްއާއި ގާތް ބޭފުޅުންވަނީ ދައުރު ފުރިހަމަ ވުމުގެ ކުރިން ކިމް އިސްތިއުފާ ދެއްވުމާއި އެކަމާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް ވިދާޅުވެފައެވެ.

ވޯލްޑް ބޭންކްގެ ރައީސްކަމުގެ މަޤާމުން ވަކިވެވަޑައި ގަތުމަށްފަހު، 59 އަހަރުގެ ކިމް ދެން މަސައްކަތްކުރައްވާނީ ކުރި އަރަމުން އަންނަ ޤައުމުތަކުގެ ޢުމްރާނީ ތަރައްޤީއަށް އިންވެސްޓްކުރާ ކުންފުންޏެއްގައެވެ. ނަމަވެސް އެ ކުންފުނީގައި އަދާ ކުރައްވާނެ މަޤާމެއް ކިމް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިމް އިސްތިއުފާދެއްވުމުން ވޯލްޑް ބޭންކްގެ ރައީސްކަމުގެ މަޤާމް ވަގުތީ ގޮތުން ފުރުއްވާނީ 2017ވަނަ އަހަރު އެ ބޭންކްގެ ޗީވް އެގްޒެކެޓިވް އޮފިސަރު ކަމާއި ޙަވާލު ވެޑައިގެންނެވި ބަލްގޭރިއާއަށް ނިސްބަތްވާ ކްރިސްޓަލީނާ ޖޯރޖީވާއެވެ.
ވޯލްޑް ބޭންކަށް އައު ރައީސެއް އައްޔަން ކުރުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނުޒޫފު ވަރަށް ބޮޑަށް ބޭނުން ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވޯލްޑް ބޭންކުގެ ވޯޓުލުމުގެ ޙައްޤު އޮންނަ ޝެއަރ ހޯލްޑަރުންގެ ތެރެއިން ގިނައީ އެމެރިކާގެ ޝެއަރހޯލްޑަރުން ކަމުން، ވޯލްޑް ބޭންކުގެ ރައީސްކަން އާންމުކޮށް އަދާކޮށްފައިވަނީ އެ ޤައުމަށް ނިސްބަތްވާ ބޭފުޅެކެވެ.
ވޯލްޑް ބޭންކްގެ ރައީސްކަމުގެ މަޤާމަށް ކިމްގެ ނަން ހުށަހަޅުއްވާފައިވަނީވެސް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއެވެ. ކިމްވަނީ މަޤާމަށް 2 ދައުރެއްގެ މަތިން ހޮވިވަޑައިގެންފައެވެ.

ވޯލްޑް ބޭންކް އުފައްދާފައިވަނީ 1944ވަނަ އަހަރެވެ. ވޯލްޑް ބޭންކުން އަންނަނީ އެކި ޤައުމުތަކަށް ލޯނުފަދަ މާލީ ޚިދްމަތްތައް ފޯރުކޮށް ދެމުންނެވެ.