ޚަބަރު

ހުޅުމާލޭގެ ފްލެޓްތަކުގައި މީހުން ކުއްޔަށް އުޅޭތޯ ބަލަނީ


ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގައި އެގްރިމެންޓް ކުރެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކަކުން ކުއްޔަށް އުޅޭތޯ ބެލުމަށް ސާރވޭއެއް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.އެޗްޑީސީގެ ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު ވިދާޅުވީ، އެ ފްލެޓްތަކުގައި ކުއްޔަށް އުޅޭކަން މިހާރުވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި،  މިހާރު ހަދާ ސާރވޭއަށްފަހު، ފްލެޓް ކުއްޔަށް ދޫކުރި ފަރާތާމެދު އެގްރިމެންޓްގައި ވާގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.ޝާހިދު ވިދާޅުވީ، އެގްރިމެންޓްގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް މިހާރު އެޅިނަމަވެސް ކުއްޔަށް ދޫކޮށްފައިވާ ފްލެޓްތަކާމެދު އަމަލުކުރާނެ އެހެން ގޮތަކާމެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް. އެހެންނަމަވެސް އޭގެ ތަފްސީލެއް ޝާހިދު ނުދެއްވައެވެ. މީގެ އިތުރުންވެސް ފްލެޓް ތަކުގެ ކުލި ނުދައްކާ މައްސަލަވެސް އުޅޭ ކަމަށާއި، އެފަރާތްތަކާ ވާހަކަ ދައްކައިގެން އެކަންތައްވެސް ހައްލު ކުރާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.ގެދޮރުވެރިކަމުގެ ދަށުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ.އެގްރިމެންޓްގައި ވާގޮތުން ފްލެޓް ކުއްޔަށް ދޫކުރާނަމަ އެ ފަރާތްތައް ދެ ފަހަރެއްގެ މަތިން ޖޫރިމަނާ ކުރުމަށްފަހު އެގްރިމެންޓް ބާޠިލް ކުރެވޭނެއެވެ.