ސިއްހަތު

ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޗައިނާއާއި ލިތުއޭނިއާއިން އެހީވަނީ


ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޗައިނާއާއި ލިތުއޭނިއާއިން ރާއްޖެއަށް އެހީވެދިނުމަށް އެއްބަސްވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އެ މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މިހާރު ކުރިޔަށްދާ ޑަބްލިޔު.އެޗް.އޯގެ އެގްޒެގެޓިވް ބޯޑުގެ ސަތޭކަ ތިރީސް ހަވަނަ ބައްދަލުވުމުގެ ޙަވާސާގައި، ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިވެވޭނެ ދާއިރާތަކާމެދު ޗައިނާ އަދި ލިތުއޭނިއާ އެކު މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ޗައިނާގެ ވަފްދާއެކު ކުރެވުނު މަޝްވަރާތަކުގައި، ސިއްޙީ ދާއިރާއަށް މެޑިކަލް ޑޮކްޓަރުންނާއި އިކުއިޕްމަންޓުގެ އެހީ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި ދެޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، މެޑިކަލް ޑޮކްޓަރުންނަށް ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދިނުމާއި، ޗައިނާގެ މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މެޑިކަލް ކޭމްޕް ކުރިއަށް ގެންދިއުމާއި، މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި، މެޑިކަލް ޓޫރިޒަމްގެ ދާއިރާއިންނާއި ޗައިނީޒް އޯލްޓަނޭޓިވް މެޑިސިންގ މަސައްކަތް ރާއްޖޭގައި ފުޅާކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެއިތުރުން ލިތުއޭނިއާގެ ވަފްދާއެކު ކުރިއަށް ދިޔަ މަޝްވަރާތަކުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޤައުމުގެ ނިއުރޯސާޖަނުންގެ ޓީމަކުން ރާއްޖޭގައި ކުރިއަށް ގެންދެވި ދިރާސާގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ މެދުގައި އެއްބަސްވެވޭ އެމްއޯޔޫއެއްގެ ދަށުން ޑޮކްޓަރުންނާއި އެހެނިހެން ސިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމަށާއި ބައެއް ޚާއްސަ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތުތައް ދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.ލިތުއޭނިއާ އަކީ ޔޫރަޕްގެ ކުޑަ ޤައުމަކަށް ވުމާއެކު، ކުރިމަގުގައި އެމްއޯޔޫގެ ދަށުން މި ކަންތައް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުންނާއި ލިތުއޭނިއާގެ ޑޮކްޓަރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ރެކްރޫޓް ކުރުމަށާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.ރާއްޖޭގެ ފަރާތުން މިމަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޙުސައިން ރަޝީދާއި، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާއިޝަތު ސާމިޔާގެ އިތުރުން އެޗްޕީގެ ޑިރެކްޓަރ މައިމޫން އަބޫބަކުރުއެވެ.