ސިޔާސީ

ތަހްގީގަށްފަހު ކަމާގުޅޭ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރަނީ


ވ. ރަކީދޫގައި އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ތިން އަހަރުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި، ތަޙްޤީގަށް ހުރަސް ނޭޅޭގޮތަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން މަޢުލޫމާތު ހޯދުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.މިއަދު ބޭއްވި އެކޮމިޓީ ބަދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރީ ކަމާގުޅުން ހުރި މުއައްސަސާތަކުން މަޢުލޫމާތު އެއްކުރުމަށްފަހު، އެމަޢުލޫމާތުގެ އަލީގައި ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ފަރާތެއްވާނަމަ އެފަރާތެއް ކޮމިޓީއަށް ހާޞިރުކުރުމަށެވެ.ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން އެދިވަޑައިގަތީ، ޖެންޑަރ މިނިސްޓްރީއާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އޮތޯރިޓީ އާއި ފުލުހުންނާ އަދި ރަކީދޫ ކައުންސިލް އިދާރާގެ ކަމާ ގުޅުންހުރި ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވީ، އިބްތިހާލުގެ މަރުގެ މައްސަލަ ބަލައި އިހްމާލުވީ ފަރާތްތަކާއިމެދު ފިޔަވަޅުއަޅަން ޖެހޭކަމަށާއީ، ނަމަވެސް މިވަގުތު އެފަރާތްތަށް ހާޒިރުކޮށްފިނަމަ ތަޙްޤީގަށް ހުރަސް އެޅޭނެކަމަށެވެ. އެހެންކަމުން ތަޙްޤީގް ނިމުމުން، ތަޙްޤީގް ރިޕޯޓާއިއެކު އެފަރާތްތަށް ހާޒިރުކުރުމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން އެދިލެއްވިއެވެ. އަދި އެގޮތަށްވަނީ ކޮމިޓީން އެއްބަސްވުމަކަށް އާދެވިފައެވެ.ކޮމިޓީގެ މެމްބަރުން ވިދާޅުވީ، ކުޑަކުދިންނާއިމެދު އިހާނެތި އަމަލުތައް ހިންގާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތައް ޤާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް، ކަމާ ގުޅުންހުރި މުއައްސަސާތަކުން އެފަރާތްތަކުގެ ޒިންމާއަދާނުކުރާކަމަށެވެ. މިފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.