ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު މަރާމާތުކުރުމަށް ކުރިއަށްގެންދިޔަ 20 މިލިއަން ޑޮލަރުގެ މަޝްރޫޢު ނިމި އިތުރު ޚިދުމަތްތައް ފަތުރުވެރިންނަށް ދޭންފަށައިފިއެވެ.
ފުރާނަފުށީގައި ތަރައްޤީކޮށްފައިވާ މި ރިސޯޓު މަރާމާތުކޮށްފައިވަނީ ދިވެހި ސަޤާފީ ކުލަތަކާއި ފަންނުވެރިކަން ހިމަނައިގެން ފަތުރުވެރިންނަށާއި ގެސްޓުންނަށް ކަމުދާނެހެން 5 ތަރީގެ ފެންވަރުގައިކަމަށް ޝެރެޓަން މޯލްޑިވްސް ރިސޯޓުން ބުނެއެވެ.
ރިސޯޓަށް އަލަށް ގެނެވުނު ބަދަލުތަކާއި ބެހޭގޮތުން ބައެއް މީޑިއާތަކާއި ވާހަކަދައްކަވަމުން ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓްގެ ޖެނެރަލް މެނޭޖަރު އެމީލިއޯ ފޮންޓީނީ ވިދާޅުވީ، ރިސޯޓްގެ ގެސްޓްރޫމްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން އެނޫންވެސް ތަންތަން ފަރުމާކުރުމުގައި ބޮޑަށް ބަލާފައިވަނީ ވަށައިގެންވާ މާހައުލުގެ ހިތްފަސޭހަކަން ފަތުރުވެރިންނަށް ލިބޭގޮތަށްކަމަށެވެ.
20 މިލިއަން ޑޮލަރު ހޭދަކޮށްގެން މަރާމާތުކޮށްފައިވާ މި ރިސޯޓުގައި 7 ރެސްޓޯރެންޓާއި ބާރއާއި 3 ސްވިމިންގ ޕޫލްގެ އިތުރުން ފައިވް-ސްޓާރ ފެންވަރުގެ 176 ގެސްޓް ރޫމް ހުންނާނެކަމަށް ޝޭރެޓަން މޯލްޑިވްސްއިން ބުނެއެވެ. ޝެރެޓަންއިން ވަނީ ގެސްޓްރޫމްތަކުގެ ޖާގަ ތަނަވަސްކޮށް، ރޫމްތަކުގެ ޑިޒައިނަށް ބޮޑެތި ބަދަލުގެނެސްފައެވެ. ރިސޯޓް ޑިޒައިންކޮށްފައިވަނީ، މަޝްހޫރު ބުޓީކް މަލްޓި ޑިސިޕްލިނަރީ ޑިޒައިން ޕްރެކްޓިސްއިންނެވެ.
ޝެރެޓަން މޯލްޑިވްސްއިން ބުނީ މި ރިސޯޓަކީ ހަނީމޫނަށް ރާއްޖޭ އަންނަ ފަރާތްތަކަށާއި އާއިލާތަކުގެ އިތުރުން އެނޫންވެސް ފަރާތްތަކަށް ވަރަށް ފުރިހަމަ ތަނަކަށް ވާނެކަމަށެވެ.
ޝެރެޓަން މޯލްޑިވްސް ފުލް މޫން އެންޑް ސްޕާ ނުވަތަ ފުރާނަފުށްޓަކީ ރާއްޖޭގެ 3 ވަނަ ރިސޯޓެވެ. މި ރިސޯޓް މިހާރު ހިންގަމުން އަންނަނީ، އެމެރިކާގެ މަޝްހޫރު މެރިއޮޓް އިންޓަރނޭޝަލް ހޮޓެލް ޗެއިނުންނެވެ.