ޚަބަރު

"ނޭޝަނަލް ރިފޯމް ޕާޓީ" އުފެއްދުމުގެ ހުއްދަދީފި


ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ. އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި މަދަނީ އިއްތިހާދުގައި އެންމެ އިސްކޮށް އުޅުއްވި މުޙައްމަދު ދީދީ އިސްވެ އުފައްދާ އެޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުން ހަމަކުރުމަށް ވަނީ ފުރުސަތުދީފައެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ގާތްގުޅުމެއް އޮންނަ ދީދީއަށް އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާއިރު، "ކަރިސްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުމަށްފަހު އެ ހުށައެޅުން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަނސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 4 ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ ދީފައެވެ. މީގެތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދަވާ "ޕީޕަލްސް ނޭޝަލް ކޮންގްރެސް" ހިމެނެއެވެ.