ބިދޭސީންގެ ވޯރކް ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ ޚިދުމަތެއް މީރާއިން ތަޢާރަފްކޮށްފިއެވެ.
މޯލްޑިވްސް ޓެކްސް އެކެޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސައިންސް ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލެވެ.
މި ޚިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސައިންސް ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ކަންކަން ފަހިވާނޭ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ.
މިގޮތުން މި ޙިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް މަލީހް ވިދާޅުވިއެވެ.
މީރާއިން ބުނީ ވޯރކް ވިސާއަށް ފައިސާ ދެއްކުމަށް މިހާރު އޮންނަ ނިޒާމުގެ ސަބަބުން އެތައް އިރަކު ކިއޫގައި މަޑުކުރަންޖެހި އެކަމުގެ ސަބަބުން ގިނަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުޙައްމަދު ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މީރާގެ އެކި ޚިދުމަތްތަށް ރަނގަޅު ފެންވަރުގައި ފޯރުކޯށްދެވުމަކީ އެ އިދާރާގެ އަމާޒެއްކަމަށެވެ.
ކުރިއަށްއޮތް ތަނުގައި މިނިސްޓްރީ އޮފް ސައިންސް ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންސްއާއި ގުޅިގެން އޮންލައިންކޮށް ފައިސާ ދެއްކުމުގެ ނިޒާމް އިތުރަށް ތަރައްޤީކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ޔަޒީދު ވިދާޅުވިއެވެ.
މީރާއިން ބުނީ، ވޯކް ވިސާ ފީ ރަޖިސްޓްރީ ނުވެ ފަސޭހަކަމާއިއެކު ދެއްކޭނޭކަމަށެވެ.
ކުރިން ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ބަލަހައްޓަމުންދިޔަ ވޯރކް ވިސާގެ ކަންކަން މިރާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2011 ވަނަ އަހަރުގެ ތެރޭގައެވެ.